07 Nov 2023, 13:34
ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް ޖީ ގައި އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ އާއި ސްވިޓްޒަލަންޑްގެ ޔަންގް ބޯއިޒް މިރޭ ބައްދަލުކުރާ މެޗުން އާލިން ހާލަންޑް ފެނިގެން ދިއުމުގެ ފުރުސަތު އޮތީ ޑޮކްޓަރުން ބުނާ އެއްޗަކަށް ބެލުމަށް ފަހު ކަމަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކޮށްފިއެވެ.
ހާލަންޑް ވަނީ އެންމެ ފަހުން އިންގްލިޝް ޕްރިމިއާ ލީގުގައި ބޯންމޯތާ ދެކޮޅަށް ކުޅެ ސިޓީ މޮޅުވި މެޗްގެ ފުރަތަމަ ހާފްގައި އަނިޔާ ވުމުގެ ސަބަބުން ބަދަލުކޮށްފައެވެ.
މި ރޭގެ މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕެޕް ހާމަކުރިގޮތުގައި ހާލަންޑްއަށް މި މެޗްގައި ކުޅެވޭނެތޯ ނިންމާނީ ޑޮކްޓަރުންނާ ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ. އަދި މިވަގުތު އެއްޗެއް ބުނަން ނޭނގޭ ކަމަށް ވެސް ޕެޕް ހާމަކުރިއެވެ.
ޕެޕް ހާމަކުރިގޮތުގައި އޭނާ އަޑު އަހާނީ ޑޮކްޓަރުން ބުނާ އެއްޗެއް ކަމަށާއި ހާލަންޑްއަށް ކުޅެވޭނެކަމަށް ޑޮކްޓަރުން ބުނާކަމަށްވާނަމަ ހާލަންޑް ޓީމްގައި ހިމެނުމާމެދު އޭނާ ވިސްނާނެ ކަމަށެވެ. އަދި މެޗަށް ފަހު މިހާރު ވަރަށް ރަނގަޅު ކަމަށް ހާލަންޑް ހާމަކޮށްފައިވާ ކަމަށްވެސް ޕެޕް ހާމަކުރިއެވެ.
ހާލަންޑް ވަނީ މިރޭގެ މެޗަށް ތައްޔާރު ވުމުގެ ގޮތުން މީޑިއާގެ ފަރާތްތަކަށް ހުޅުވާލައިގެން ބޭއްވި ސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. ނަމަވެސް އޭނާ މުޅިން ފިޓްކަމެއް މިފަރިތަކުރުންތަކުން ހާމަވެގެން ގޮސްފައެއް ނުވެއެވެ.
މިރޭގެ މެޗަށް ނިކުންނައިރު ސިޓީ މި މެޗުން މޮޅުވެއްޖެނަމަ ޗެމްޕިއަންސް ލީގުގެ ފަހު 16 ޓީމްގެ ތެރޭގައި ހިމެނިގެންދާނެއެވެ.
ޕެޕް ހާމަކުރިގޮތުގައި އޭނާ ބަލާނީ މި މެޗުން މޮޅުވެ ފެބްރުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ދެވަނަ ބުރުން އަވަހަށް ޖާގައެއް ކަށަވަރު ކުރެވޭތޯއެވެ. އަދި މި މުބާރާތުގައި ކާމިޔާބު ހޯދުމަށް އެ ކްލަބުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށްވެސް ޕެޕް ހާމަކުރިއެވެ.
މި ދެ ޓީމްގެ މެދުގައި ސްވިޓްޒަލަންޑްގައި ކުޅުނު މެޗް ތިން ލަނޑު އެއް ލަނޑުން ކާމިޔާބުކުރީ ސިޓީއެވެ. އެ މެޗްގައި ހާލަންޑް ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.