07 Nov 2023, 11:30
އިންގްލިޝް ޕްރިމިއާ ލީގުގައި ޗެލްސީ އާއި ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް ފަހަތުން އަރާ ޗެލްސީ ކާމިޔާބުކޮށްފިއެވެ.
ސްޕާސްގެ ދަނޑުގައި ކުޅުނު މި މެޗް ޗެލްސީއިން ކާމިޔާބުކުރީ ހަތަރު ލަނޑު އެއް ލަނޑުންނެވެ. މި މެޗް ވެގެންދިޔައީ ފަހަކަށް އައިސް ޕްރިމިއާ ލީގުގައި ފެނިގެންދިޔަ އެންމެ ފޯރިގަދަ އަދި އެހާމެ ވާދަވެރި އެއް މެޗަށެވެ.
ދެ ޓީމްގެ ފަހާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. މި މެޗްގައި ފަސް ލަނޑު ފެނުމުގެ އިތުރުން ގޯލަށް ވައްދާލި ފަސް ބޯޅައެއް ވަނީ ތަފާތު ސަބަބު ތަކަށްޓަކައި ބަލައިވެސް ނުގަންފައެވެ. މީގެ އިތުރުން ދެ ރަތްކާޑުވެސް ވަނީ ފެނިގެން ގޮސްފައެވެ.
މި ސީޒަންގައި ރެއާ ހަމައަށް މެޗަކުން ބަލިނުވާ އަދި މި މެޗުން މޮޅުވެއްޖެ ނަމަ ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮތް ސްޕާސްއިން މި މެޗް ފެށި ވަރަށް ފޯރިއާއެކުއެވެ. މިގޮތުން މެޗްގެ ހަ ވަނަ މިނެޓްގައި ވަނީ އެ ޓީމުން ލަނޑެއް ޖަހާ މެޗްގެ ލީޑުވެސް ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޑެޔާން ކުލުސޭވްސްކީއެވެ.
މި މެޗްގައި ސްޕާސްއަށް މައްސަލަ ދިމާވެގެންދިޔައީ މެޗްގެ 33 ވަނަ މިނެޓްގައި ޗެލްސީއިން އުފެއްދި ހަމަލާ އާ ހިސާބުންނެވެ. މި ހަމަލާ ގޯލްގެ ތެރެއަށް ޗެލްސީ އާއި މި ސީޒަންގައި ކުޅުނު މޮއިސެސް ކައިސޭޑޯ ވައްދާލި ނަމަވެސް އެ ލަނޑު ވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ. ނަމަވެސް މި ލަނޑު އޮފް ސައިޑް ވުމުގެ ކުރިން އުފެއްދި ހަމަލާގެ ތެރޭގައި ސްޕާސްގެ ކްރިސްޓިއަން ރޮމޭރޯ ޗެލްސީގެ އެންޒޯ ފެނާންޑޭޒްއަށް ކުރި ފައުލްއާ ގުޅިގެން ވީއޭއާރުން ބެލުމަށްފަހު ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ޗެލްސީއަށް ޕެނަލްޓީއެއް ދީފައެވެ.
މި ޕެނަލްޓީ ވައްދައިލާ ޗެލްސީއަށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ކޯލް ޕާމާއެވެ. ސްޕާސްގެ އެއް ކުޅުންތެރިއެއް މަދުވުމުގެ އިތުރުން މުުހިންމު ދެކުޅުންތެރިން ކަމަށްވާ މިކީ ވެން ޑެ ވޭން އާއި ޖޭމްސް މެޑިސަން އަށް އަނިޔާވެގެން ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާލަން ޖެހުމުން އެ ޓީމަށް އިތުރު މައްސަލަ ތަކާއި ކުރިމަތިލާން ޖެހުނެވެ.
މި މެޗްގެ ދެވަނަ ހާފްގައި ޗެލްސީއިން ވަނީ އެ ޓީމަށް ލިބިފައިވި އެއް ކުޅުންތެރިއެއް އިތުރުވުމުގެ ފައިދާ ނެގޭތޯ މަސައްކަތް ކޮށްފައެވެ. މި ގޮތުން މެޗްގެ 55 ވަނަ މިނެޓްގައި އުފެއްދި ހަމަލާއެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ޑެސްޓިނީ އުޑޮގީ ކުރި ފައުލް އަކާއި ގުޅިގެން އޭނާއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކާފައެވެ. މިއާއެކު މެޗްގެ ބަކީ ބައި ސްޕާސްއިން ކުޅެފައިވަނީ ނުވަ ކުޅުންތެރިންނާއެކުއެވެ.
ދެ ކުޅުންތެރިން މަދުން ކުޅުމާއެކުވެސް ސްޕާސްއިން ފަހަތަށް ފައިބައިގެން ކުޅުމުގެ ބަދަލުގައި ކުރިއަށް ޖެހިގެން ކުޅުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ ޗެލްސީއިން ފަސޭހަ ކަމާއެކު ޗެލްސީގެ ޑިފެންސް ފޫއަޅުވާލުމެވެ. މިގޮތުން މެޗްގެ 75 ވަނަ މިނެޓްގައި އުފެއްދި ހަމަލާއެއްގައި ޗެލްސީގެ ނިކޮލަސް ޖެކްސަން ލަނޑެއް ޖަހާ މެޗްގެ ލީޑު އެޓީމަށް ނަގައިދިނުމެވެ. މީގެއިތުރުން ޖެކްސަންވަނީ މެޗްގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓާއި ހަތް ވަނަ މިނެޓްގައި އިތުރު ދެ ލަނޑު ޖަހާ މެޗްގައި ހެޓްރިކެއްވެސް ހަދާފައެވެ.
މި ކާމިޔާބީއާއެކު ޗެލްސީއިން މިވަނީ ކުޅުނު 11 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިއާއެކު ޗެލްސީގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ސްޕާސްއަށް އެނބުރި އައުން މިވަނީ ކާމިޔާބީއަކާއެކު ނިންމާލާފައެވެ. އަދި މިމެޗުން ބަލިވުމުން ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު މިވަނީ ސްޕާސްއަށް ގެއްލިގެން ގޮސްފައެވެ. ސްޕާސް އުޅެނީ 26 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ.