19 May 2012, 09:32
ރާއްޖެ އަށް އެންމެ ގިނަ ދުވަސްވީ އަދި ގިނަ ބައެއްގެ މެދުގައި މަގުބޫލު "މަމީ ނޫޑުލްސް"ގެ ކަރީ ފުލޭވާ ލިބުން ދަތިވެ އެނޫޑްލިހުގެ އަގު ބޮޑު ވެއްޖެ އެވެ.
މާލޭގެ ގިނަ ރިޓެއިލް ފިހާރަތަކުގައި މަމީގެ ކަރީ ފުލޭވާ ނޫޑްލްސް އެއް ގޮތަކަށް ވެސް ނެތެވެ. އޭގެ ބަދަލުގައި ގިނަ ފިހާރަތަކުގައި ހުރީ ދާދިފަހުން ބާޒާރަށް ނެރުނު މަމީ ނޫޑްލްސްގެ އެކްސްޓްރާ ސްޕައިސީ އެވެ.
އާންމު ކާނާ ވިއްކާ ފިހާރައެއްކަމަށްވާ މެޑޯ ޓްރޭޑްގެ ސޭޓް ބުނީ މިދުވަސްކޮޅު ބާޒާރުން މަމީގެ ނޫޑްލިސް ކަރީ ބުރޭޑް ލިބުން ވަރަށް ދަތި ކަމަށާއި އަގަށް ބަދަލު ގެންނަން ޖެހުނީ އެހެންވެގެން ކަމަށެވެ.
"މިހާރު މަމީ ނޫޑްލިސް ލިބެނީ ވަރަށް އުނދަގުލުން، ވަރަށް މަސައްކަތް ކޮށްގެން، ނޫޑްލިހުގެ އަގު ބޮޑުވަނީ މިހާރު ނުލިބޭތީ" މެޑޯޓްރޭޑްގެ ސޭޓް ބުންޔެވެ.
ކުރިން 3.50ރ. އަށާއި 4ރ. ލިބެން ހުރި މަމީނޫޑްލިސް ކަރީ ބުރޭޑް މިހާރު ގިނަ ފިހާރަތަކުން ލިބެން ހުރީ 5ރ. 5.50ރ. އަށެވެ.
އޭއެންއެމް ޓުރޭޑްގެ ސޭޓް ބުނި ގޮތުގައި މިހާރު އެއްވެސް ގޮތަކަށް މަމީ ނޫޑްލިސް ނުލިބޭ ކަމަށާއި ނޫޑްލިސް ނުލިބެނީ ސުޓޮކް ހުސްވުމުން ކަމަށް މަމީ ނޫޑްލްސް ރާއްޖެ އެތެރެކުރާ ލިލީ ސްޓޯރުން ބުނި ކަމަށެވެ.
"މަމީގެ ކަރީ ފުލޭވާ މިހާރު ނުލިބޭ، އެހެންވެ މިހާރު ވިއްކަމުން ގެންދަނީ ފަހުން ބާޒާރަށް ނެރުނު އެކްސްޓުރާ ސުޕައިސީ" އޭއެންއެމްގެ މާޓްގެ ސޭޓް ބުންޔެވެ.
ރާއްޖެއަށް މަމީގެ ޕުރޮޑެކްޓް އެތެރެކުރާ ލިލީން ސުޓޯރުން ބުނީ މިހާރު މަމީ ނޫޑްލިހުގެ ކަރީ ބުރޭންޑް ނުލިބެނީ ސުޓޮކް ހުސްވުމުން ކަމަށާއި ވަރަށް އަވަހަށް ސުޓޮކް ލިބޭނެ ކަމަށެވެ. އަދި ކަރީ ބުރޭޑް ލިބުންދަތި ވިޔަސް މަމީގެ ފަހުގެ ޕުރޮޑެކްޓް މަމީ އެކުސްޓުރާ ސުޕައިސީ ނޫޑްލުސް ލިބޭނެ ކަމަށްވެސް ލިލީން ބުންޏެވެ.
މަމީ ނޫޑްލްސް ލިބުން މިހާރު ދަތިވެފައިވާއިރު މީގެ އެއްމަސް ދުވަސް ކުރިންލިލީން ވަނީ މަމީ އެކުސްޓްރާ ސުޕައިސީގެ ނަމުގައި މަމީގެ އާ ޕުރޮޑެކްޓެއް ބާޒާރަށް ނެރެފަ އެވެ.
މަމީ ނޫޑުލްއަކީ 1971 ވަނަ އަހަރުން ފެށިގެން މެލޭޝިޔާއާއި ސިންގަޕޫރުގެ އިތުރުން އޮސްޓްރޭލިޔާގައި ވެސް އުފައްދާ ރާއްޖޭގައި މަގުބޫލު ނޫޑުލުހެކެވެ.