07 Nov 2023, 09:02
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާގެ ބައްޕަގެ ކުއްލި ވަކިވުމާއެކު ދިރިއުޅުމާ މެދު ބަތަލާގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުވިކަމަށް ބުނެފިއެވެ.
އިންޑިއާގެ މަޝްހޫރު ބަތަލާ ވަނީ އޭނާގެ ހަޔާތުގެ ދަތުރާއި ހާއްސަކޮށް ކެންސަރު ބަލީގައި 2013 ވަނަ އަހަރު މަރުވި އޭނާގެ ބައްޕަ އަޝޯކް ޗޯޕްޅާ ގެއްލުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން މީގެކުރިން ހާމަ ނުކުރާ ގިނަ ވާހަކަތަކެއް އާއްމުންނާ ހިއްސާކޮށްފައެވެ.
މައިންބަފައިންނާ ވަރަށް ޚާއްސަ، އެހާމެ ގާތް ގުޅުމެއް އޮންނަ ޕްރިޔަންކާ ބުނީ ބަތަލާގެ މަންމައަށް ވުރެ ބޮޑަށް ބައްޕަ އަޝޯކް ޗޯޕްޅާއާ މާ ގާތްވާނެ ކަމަށާއި ބައްޕަގެ ވަކިވުމާއެކު އެންމެ ބޮޑު އަސަރެއް ކުރީ ޕްރިޔަންކާއަށް ކަމުގައެވެ. އެހެން ނަމަވެސް އެކަމުން ލިބުނު ފިލާވަޅުގެ އަލީގައި ވަރަށް ގިނަ ކަންކަން ދަސްވިކަމަށާއި އާއިލާއަށް މިހާރު ވަގުތު ދިނުމަކީ ބަތަލާ އެންމެ އިސްކަންދޭ ކަންތައްކަމަށް ވަނީ ބުނެފައެވެ.
މީގެ އަހަރު ތަކެއް ކުރިން ޕްރިޔަންކާގެ މަންމަގެ އުފަންދުވަސް ހަނދާން ނެތުނީ ކިތައް ފަހަރުކަން ގުނާލަން ވެސް ނޭނގޭ ކަމަށާއި ފިލްމީ މަސައްކަތްތައް ހުންނަ ގޮތުން އާއިލާގެ މީހުން ބާއްވާ އެއްވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު އޭނާއަށް ވަރަށް ގިނަ ފަހަރު ގެއްލުނު ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ. އެފަދަ ވަގުތުތަކުގެ މުހިއްމުކަން އިހުސާސް ކުރެވެން ފެށީ ބައްޕަގެ ކުއްލި ވަކިވުމާއެކު ކަމަށް މިހާރު އެމެރިކާގެ ލޮސް އެންޖެލިސްގައި ދިރިއުޅޭ ބަތަލާ ވަނީ ބުނެފައެވެ.

ޕްރިޔަންކާ ޗޯޕްޅާ އަދި ދަރިފުޅު މާލްތީ
ޙަޔާތުގެ ދަތުރަކީ ވަރަށް ކުރު ދަތުރެއް ކަމަށާއި އެ ދަތުރުގެ ވަގުތުތައް ބޭކާރު ކަންކަމާމެދު ވިސްނަން ހޭދަނުކޮށް އުފާވެރިކަމުގައި ހޭދަކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.
ދާދި ފަހުން އެމޭޒަން ވެބް ސީރީސް "ސިޓަޑެލް"އިން ފެނުނު ބަތަލާ ދާދިފަހުން ވަނީ އިންޑިއާގެ މުމްބާއިގައި އިފްތިތާހު ކުރި ޖިއޯ މާމީ ފިލްމު ފެސްޓިވަލް ހުޅުވައިދިނުމަށް އިންޑިއާއަށް ދަތުރުކޮށްފައެވެ. ޕްރިޔަންކާގެ މިފަހަރު އިންޑިއާއަށް ގޮސްފައިވަނީ ފިރިމީހާ ނިކް ޖޯނަސް އާއި ދަރިފުޅު މާލްތީއާ ވަކިންނެވެ.