އިއްޔެ އަހަރު ފުރުނު އަލަތު ދަރިފުޅާއެކު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް ބޮޑެތި ބަދަލުތަކެއް އައިސް އާލިއާ އާއި ރަންބީރުގެ އާއިލާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވިކަމަށް ބޮލީވުޑްގެ ކާމިޔާބު ބަތަލާ ބުނެފިއެވެ.

އާލިއާ އާއި ފިރިމީހާ ރަންބީރަކީ ވެސް ފިލްމީ ދާއިރާގެ މަގުބޫލު ދެ ތަރިން ނަމަވެސް ދެ މީހުންވެސް އެންމެ ބޮޑު އިސްކަމެއްދެނީ ދަރިފުޅު ރަހާއަށް ކަމަށް ވަނީ ބުނެފައެވެ. އެގޮތުން އާލިއާ ނޫނީ ރަންބީރު ކުރެން ކޮންމެވެސް އެކަކު އަބަދުވެސް ދަރިފުޅާއެކު ހުންނަ ކަމަށާއި އެކަމުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ އާއިލާގެ މެމްބަރުންގެ ފަރާތުން ކަމަށް ބަތަލާވަނީ ބުނެފައެވެ.

އާލިއާ މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ޖިގްރާ"ގެ ވަރަށް ގިނަ ޝެޑިއުލްތައް ނިންމަން ހަމަޖެހިފައި ވަނީ ރޭގަނޑުކަމަށް ވުމުން ބަތަލާ ދުވާލު ނިދަނީ އެންމެ ފަސް ގަޑިއިރު ކަމަށާއި އެއީ ބާކީ ވަގުތު ދަރިފުޅު ރަހާއާއެކު ހޭދަކުރުމުގެ ބޭނުމުގައި ކަމަށް އާލިއާ ވަނީ ބުނެފައެވެ.

އާލިއާގެ ވަށައިގެންވާ ގިނަ އާއިލާ މެމްބަރުންނަކީ ފިލްމު ކުޅުމުގެ ޕްރޮފެޝަންގެ ތަޖުރިބާކާރުން ކަމަށްވުމުން އެހީއަކަށް ބޭނުންވާ ހިނދެއްގައި އެއިން ކޮންމެ ފަރާތެއްގެ އެހީވެސް އާލިއާގެ ދެމަފިރިންނަށް ވެސް ލިބޭކަމަށް ދާދިފަހުން ޤައުމީ އެވޯޑް ލިބިފައިވާ ބަތަލާ ވަނީ ބުނެފައެވެ.

އާލިއާގެ ކައިވެންޏަށްފަހު ދެ ތަރިންގެ އާއިލާގެ މެމްބަރުންގެ ގުޅުން އިތުރަށް ބަދަހިވިކަމަށާއި ދަރިފުޅު ރަހާ ލިބުމަށްފަހު އެކަން މާބޮޑަށް އިހުސާސްވި ކަމަށް އާލިއާ ވަނީ ބުނެފައެވެ.

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު.

މިހާތަނަށް އާލިއާ އާއި ރަންބީރުގެ އަލަތު ދަރިފުޅު ރަހާގެ އެއްވެސް ފޮޓޯއެއް އާއްމުވެފައި ނުވާއިރު އާލިއާ ބުނީ އެކަން އެގޮތަށް ކުރަން ދެ މީހުންނަށް ވެސް އަދި ނުފެންނަކަމަށާއި އާއްމުންގެ ސަމާލުކަން ހޯދާ ވަރަށްވުރެ ދަރިފުޅު އަދި މާ ތުއްތު ކަމަށެވެ.

މީޑިއާތަކަށް ދަރިފުޅުގެ މޫނު ދައްކާނެ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ކުރާނީ ރަންބީރާއި އާލިއާވެސް އެކަމަށް ފުރިހަމައަށް ތައްޔާރުވުމުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އަލަތު ދަރިފުޅުގެ ފުރަތަމަ އުފަންދުވަސް އިއްޔެ ފާހަގަކޮށްފައި ވަނީ ވެސް ވަރަށް އާދައިގެ ގޮތަކަށް ދެ ތަރިންގެ އާއިލާގެ މެމްބަރުންނާ އެކުގައެވެ.