07 Nov 2023, 09:52
ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދިން ހަމަލާތަކުގައި އދ ގެ ގިނަ މުވައްޒަފުން މަރުވެފައިވާއިރު، މިއީ އެ ޖަމިއްޔާއަށް މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ނުރައްކާތެރި ހަނގުރާމަ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
ދަ ގާޑިއަން އިން ރިޕޯޓުކޮށްފައިވާ ގޮތުން އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމަލާތައް ދޭން ފެށިފަހުން، ފަލަސްތީނުގައި ހުންނަ އދ ގެ ރެފިއުޖީ އޭޖެންސީ (ޔޫއެންއާރްޑްބްލިޔުއޭ) ގެ 88 މުވައްޒަފުން އިސްރާއީލުން ވަނީ މަރާލާފައެވެ. އޭޖެންސީގެ 47 އިމާރާތެއް ވަނީ ސުންނާފަތި ކޮށްލާފައެވެ.
ހަމައެކަނި ޣައްޒާގައި އދ. ގެ 150 މުވައްޒަފުން މަރާލާފައިވާއިރު، އޭގެ ތެރެއިން 16 މުވައްޒަފުން މަރާލާފައި ވަނީ މަސައްކަތުގައި އުޅެނިކޮށެވެ. އަށާރަ މުވައްޒަފުންނަކީ ޣައްޒާގެ އާންމުން ރައްކާތެރިކުރުމުގައި އުޅުނު އިމަޖެންސީ ހިދުމަތްދިން މުވައްޒަފުން ކަމަށް އދ އިން ހާމަކުރެއެވެ. ޣައްޒާގައި ހުންނަ 100 ށް ވުރެ ގިނަ އދ ގެ ހިދުމަތްދޭ ތަން ތަން ވަނީ ހަލާކުކޮށްލާފައެވެ.
ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލައި، ޣައްޒާގެ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރެފިއުޖީ އޭޖެންސީގެ ލީޑަރުން ވަނީ ގޮވާލާފައެވެ. އަދި އިސްރާއީލާއި ހަމާސްއިންވެސް ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހްތިރާމް ކުރުމަށް އޭޖެންސީތަކުން ގޮވާލައެވެ.
ހަނގުރާމައަށް 30 ދުވަސްވެފައިވާއިރު، މިހާރު ފުދޭވަރުވެއްޖެ ކަމަށާއި ހަނގުރާމަ ހުއްޓަން ވެއްޖެ ކަމަށް އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ވޯލްކާ ޓާކާ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެރިޔާ ޓެޑްރޯސް އަދަނޮމާ އާއި އދ ގެ އިންސާނީ އެހީދޭ އޭޖެންސީގެ ވެރިޔާ މާޓިން ގްރިފްތްސް ނެރުއްވި ބަޔާނެއްގައި ވަނީ ގޮވާލައްވާފައެވެ.
ހަނގުރާމައިގެ މިހާލަތުގައި ޣައްޒާގެ އާންމުން ވަރަށް ބޮޑަށް ބަރޯސާވެފައިވާ ހޮސްޕިޓަލްތަކާއި، ވަގުތީ ހިޔާތައް އަދި ސްކޫލްތައް ރައްކާތެރި ކުރަންޖެހޭނެ ކަމަށާއި، ފެނާއި ކާބޯތަކެތި އަދި ތެޔޮވެސް ޣައްޒާގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ފޯރުކޮށްދޭން ޖެހޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޔޫއެންއާރްޑަބްލިޔުއޭގެ އިތުރުން ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ ހަތަރު މީހަކު މަރާލައި، 21 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އެ ސޮސައިޓީން ވަނީ ހާމަކޮށްފައެވެ. އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި އެ ސޮސައިޓީގެ އަށް އެމްބިލާންސެއްވެސް ވަނީ ހަލާކުވެފައެވެ.