18 May 2012, 22:58
މާލެ އަތޮޅު ތުލުސްދޫ އާއި ކާށިދޫން ބޯ ފެން ހުސްވެ، އެ ދެ ރަށް ފެނަށް ޖެހިއްޖެ އެވެ.
މާލޭ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ސައީދު މިރޭ ވިދާޅުވީ ކާށިދޫގެ ގެތަކުގައި ފެން ރައްކާކުރުމަށް ހުރި ފެން ތާންގީތަކުން ބޯ ފެން ހުސްވެ، ރަށް ފެނަށް ޖެހިފައިވާ ކަމަށް އަތޮޅު ކައުންސިލަށް އިއްޔެ އަންގާފައިވާ ކަމަށެވެ. އަދި އެ ހަބަރު ލިބުމާ އެކު މިހާރު ޑިޒާސްޓާ މެޖޭޖުމަންޓް ސެންޓަރަށް އެކަން އަންގާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
ޑިޒާސްޓާ އިން އެކަމުގައި އެހީ ފޯރުކޮށްދޭނެ ކަމަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން ބުނީ ވަރަށް ގިނަ ރަށްތަކުން މިހާރު ފެނަށް ޖެހިގެން ރިޕޯޓް ކުރަމުންދާ ކަމަށް. އެ ބޭފުޅުން ވިދާޅުވީ ރިޕޯޓްކޮށްފައިވާ ތަރުތީބުން ކޮންމެ ރަށަކަށް ވެސް ފެންފޯރުކޮށްދެމުންދާނެ ކަމަށް،" ސައީދު ވިދާޅުވި އެވެ.
ތުލުސްދޫ ކައުންސިލްގެ ރައީސް ޔޫޝައު ޖަމީލު ވިދާޅުވީ އެ ރަށުގެ ފެން ތާންގީތަކުން ވެސް ފެން ހުސްވެ، ރަށް ފެނަށްޖެހިފައިވާ ކަމަށެވެ. ރަށުން ފެން ހުސްވުމުން ރައްޔިތުން ބޯފެން މިހާރު ބޭނުން ކުރަނީ ރަށުގައި ހުންނަ ކޮކާކޯލާ ފެކްޓްރީން މިސްކިތުގައި ބަހައްޓާފައި ހުންނަ ފެންތާންގީ އަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ ފެންތާންގީން ޕްރެޝަރުގައި ފެންނާންނާތީ އެތައް ރައްޔިތުންތަކެއް ކިޔުޖެހިގެން ތިބެންޖެހޭ ކަމަށް ޔޫޝައު ވިދާޅުވި އެވެ.
"ކުރިން ކޮންމެ ގެއަކަށް 2500 ލިޓަރުގެ ފެން ރަށުގެ ކޮންމެ ވެސް އެއްގެއަކަށް ކޮންމެ ދުވަހަކު ކޮކާކޯލާ ކުންފުނިން ފޯރުކޮށްދޭނެ. އެއީ ރަށުގެ މިސްކިތަށް ގުޅާފައި ހުންނަ ފެން ހޮޅިއަކުން. ނަމަވެސް މިހާރު އެތަނުގައި ފެންތާއިންގީއެއް ގާއިމުކުރި ފަހުން ފެން ހޯދަން ވަރަށް އުނދަގޫ. އެއީ އެ ފެންތާންގީ ޕްރެޝަރުގައި ފެންނާންނާތީވެ،" ޔޫޝައު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށުން ބޯފެން ހުސްވުމުން ޑިޒާސްޓާ މެނޭޖުމަންޓަރަށް އެކަން އަންގާފައިވާ ކަމަށެވެ.
ތުލުސްދޫއާއި ކާށިދޫގެ ގެތަކުން ފެން ހުސްވުމުން، ރަށުގެ ފިހާރަތަކުގައި ވިއްކަން ކުރި މިނަރަލް ވޯޓާ ފެން ފުޅިތަކަށް މީހާރު ވަނީ ޑިމާންޑު ބޮޑުވެފަ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭނުވެހި ގިނަ ދުވަސްތަކެއް ވުމުން ދޭތެރޭ ދޭތެރެއިން ރަށްތަކުން ފެން ހުސްވުމުން ޑިޒާސްޓާ މެނޭޖެމަންޓު ސެންޓަރުން ފެންފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދެ އެވެ. މިހާރު ވެސް ބައެއް ރަށްތަކުން ފެން ފޯރުކޮށްދެމުންދާ ކަމަށް އެ ސެންޓަރުން ބުންޏެވެ.