08 Nov 2023, 11:16
މިދިޔަ އޮކްޓޯބަރު މަހު އެޕަލްއިން ނެރުނު ވޮޗް އޯއެސް 10.1އަށް އަޕްޑޭޓް ކުރުމަށް ފަހު، އެޕަލް ގަޑި ބޭނުން ކުރާ ގިނަ ބަޔަކު ވަނީ، ކުރިއަށް ވުރެ މާ އަވަހަށް ޗާޖު ދާތީ އެ ކަމާ ޝަކުވާ ކޮށްފައެވެ. ބައެއް މީހުން ބުނަނީ އެ މީހުންގެ އެޕަލް ގަޑީގެ ބެޓެރީ ވަރަށް މަދުން ބޭނުން ކުރިޔަސް މަދު ގަޑިއިރެއްގެ ތެރޭގައި ޗާޖު ދާ ކަމަށެވެ.
ވޮޗް އޯއެސްގެ އެންމެ ފަހުގެ ވާޝަނަކީ މި އަހަރުގެ އޮކްޓޯބަރު މަހު ނެރުނު ވޮޗްއޯއެސް 10.1 އެވެ.
ވޮޗް އޯއެސް 10.1 އަށް އަޕްޑޭޓް ކޮށްލުމުން ނޭމްޑްރޮޕަށް ސަޕޯޓް ލިބޭއިރު، ކޮންޓެކްޓް މައުލޫމާތު ހިއްސާކުރުމަށް އެޕަލް ގަޑި އެހެން އެޕަލް ގަޑިއަކަށް ނުވަތަ އައިފޯނަކަށް ކެނެކްޓް ކޮށްލެވޭނެއެވެ. އަދި، މީގެ އިތުރުން ވެސް ފަހުގެ އަޕްޑޭޓްގައި އެޕަލް ވޮޗް ސީރީޒް ނުވައެއް އަދި އެޕަލް ގަޑީގެ އަލްޓްރާ ދޭއްގައި ޑަބަލް ޓެޕް ކުރެވޭ އޮޕްޝަނެއް އެކުލެވިގެންވާތީ، ޑަބަލް ޓެޕްކޮށް، ކޯލްތަކާއި، އެލާމްތައް ހުއްޓައިލުމާއި، ސްމާޓް ސްޓޭކް އެކްޓިވޭޓް ކުރުން ފަދަ ކަންކަން ކުރެވޭނެއެވެ.
އެކަމަކު، އެންމެ ފަހުގެ ވާޝަނަށް އަޕްޑޭޓް ކުރުމުން ދިމާވާ މައްސަލައިގެ އަސަރު އެޕަލް ގަޑި ސީރީޒް ފަހަކުން ފެށިގެން އެންމެ ފަހުގެ އަލްޓްރާ ދެއަކާ ހަމައަށް ވެސް ވަނީ ކޮށްފައެވެ. މި އުނދަގޫ ޙާލަތު ތަޙައްމަލު ކުރާ މީހުން ވަނީ ރެޑިޓާއި އެޕަލްގެ ސަޕޯޓް ފޯރަމްތަކާއި އެހެނިހެން ސޯޝަލް މީޑިއާގައި ވެސް މި ކަމާ ޝަކުވާކޮށްފައެވެ.
އެޕަލްގެ ލީކުވެފައިވާ އެތެރޭގެ މެމޯއެއްގައިވާ ގޮތުން އެޕަލްއިން އަންނަނީ ބެޓެރީ ޑްރެއިން ބަގަށް ފިކްސްއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެޕަލް އޮތޮރައިޒްޑް ސާވިސް ޕްރޮވައިޑަރުންނަށް ފޮނުވި މެމޯގައި ބުނެފައިވަނީ "ވަރަށް އަވަހަށް ހައްލެއް އަންނާނެ" ކަމަށެވެ. ނަމަވެސް ހަލުވިކަމާ އެކު ބެޓްރީ ޑްރެއިންވާން މެދުވެރިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އެޕަލްއިން ހާމައެއް ނުކުރެއެވެ.
އެޕަލްއިން މާ ބޮޑު ތަފުޞީލުތަކެއް ނުދިން ނަމަވެސް ތަޖުރީބާ ހުރި ބައެއް މީހުން ބުނަނީ ގަޑި ރީސެޓްކުރުމާއި، ތާޑް ޕާޓީ ވިޖެޓްތައް ނައްތައިލުމާއި، މޮބީ ފޭސް ފަދަ ބައެއް ވޮޗް ފޭސްތަކުން ދުރުހެލިވުމަކީ ވަގުތީ ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. ވޮޗް އޯއެސް ބީޓާ ބޭނުން ކުރާ ފަރާތްތަކުން އެންމެ ފަހުގެ ވޮޗްއޯއެސް 10.2 ބީޓާއަށް އަޕްޑޭޓް ކުރުމުން ވެސް އެ މައްސަލަ ހައްލުވެފައިވާ ކަމަށް މީޑިއާތަކުގައި ބުނެފައިވެއެވެ.
މިއީ ފާއިތުވި މަސްތަކުގައި އެޕަލް ވޮޗް ސޮފްޓްވެއާއަށް ދިމާވި މިފަދަ ބޮޑު ދެވަނަ މައްސަލައެވެ. ވޮޗްއޯއެސް ނުވައެއްގައި ހުރި ބަގެއްގެ ސަބަބުން ވެސް ގިނަ ބަޔަކު ވަނީ އެ މީހުންގެ އެޕްލް ވޮޗް މާ ބޮޑަށް ހޫނުވާތީ ޝަކުވާ ކޮށްފައެވެ. އެޕަލްއިން އެންމެ ފަހުން އެ މައްސަލަ ހައްލުކުރީ ވޮޗްއޯއެސް 9.1 ގައެވެ.
އެޕަލް ގަޑީގެ ލައިންއަޕްގައި އޮތް އެންމެ ފަހުގެ އަލްޓްރާ މޮޑެލްގައި ވެސް މި މައްސަލަ ދިމާވާތީ، ސޮފްޓްވެއާގެ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް އެޕަލްއަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. އެހެންނަމަވެސް ވޮޗްއޯއެސް 10.1 ބެޓެރީ ޑްރެއިން މައްސަލައަށް ފިކްސްއެއް ނެރޭނެ ޓައިމްލައިނެއް ނުވަތަ ތާރީޚެއް އެ ކުންފުނިން އަދި މިހާތަނަށް ދީފައެއް ނުވެއެވެ.