ޓެރަރިޒަމަށް ބާރުއަޅާ ކަމަށްބުނެ 22 އަހަރުގެ ފަލަސްތީނު އެކްޓިވިސްޓް އަހެދް ތަމީމީ ހުޅަނގު އައްސޭރިން ހައްޔަރުކޮށްފިއެވެ.

ޔަހޫދީ އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ، ހަމާސް ޖަމާއަތާއި ދެމެދު އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމައިގައި ޣައްޒާގެ އާންމުންނަށް ހަމަލާތައް އަމާޒުކުރަމުންދާއިރު އިސްރާއީލުން ހިފާފައި އޮންނަ ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީނުންނަށްވެސް އެ މީހުން އަންނަނީ ހަމަލާތައް ދެމުންނެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުޅަނގު އައްސޭރި ތެރޭގައި އިސްރާއީލުން އަންނަނީ ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންނެވެ. ތަމީމީ ހައްޔަރުކޮށްފައި ވަނީ ރާމައްﷲ ކައިރީގައި އޮންނަ ނަބީ ސަލާހު އަވަށުން ހޯމަ ދުވަހު ކަމަށްވެސް އިސްރާއީލުން ބުނެއެވެ. އަދި އޭނާ ހައްޔަރުކުރީ ޓެރަރިޒަމަށް ބާރުއަޅާތީ ކަމަށާއި ތަމީމީ މިހާރު ވަނީ ތަހުގީގަށް އިސްރާއީލް ސެކިއުރިޓީއަށް ފޮނުވާފައި ކަމަށް އިސްރާއީލުން ބުނެއެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ތަމީމީ ހައްޔަރުކޮށްފައިވާއިރު، ހުޅަނގު އައްސޭރީގައި ދިރިއުޅޭ އިސްރާއީލު މީހުން މަރާލުމަށް ތަމީމީގެ އިންސްޓަގްރާމް ޕޯސްޓެއްގައި ގޮވާލާފައިވާ ކަމަށް އިސްރާއީލް މީޑިއާތަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ. ނަމަވެސް ތަމީމީގެ މަންމަ ވަނީ އެކަން ދޮގުކޮށް އެއީ ތަމީމީ ކޮށްފައިވާ ޕޯސްޓެއް ނޫން ކަމަށް ބުނެފައެވެ.

ތަމީމީ ހައްޔަރުކުރުމަށްފަހު، އިސްރާއީލުން އެކަމާ އުފާފާޅުކޮށްފައިވާ ކަމަށްވެސް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ. އެގޮތުން ތަމީމީގެ ފޮޓޯއެއް ފޭސްބުކްގައި އާންމުކުރުމަށްފަހު، އޭނާގެ ހިނިތުންވުން މިހާރު ކޮބާތޯ ސުވާލުކޮށްފައިވެއެވެ.

ތަމީމީއާއި އޭނާގެ އާއިލާއަކީ މަޝްހޫރު އެކްޓިވިސްޓުން ހިމެނޭ އާއިލާއެކެވެ. ތަމީމީގެ އާއިލާއިން ވަނީ އަނިޔާވެރިކަމާ ދެކޮޅު ހަރަކާތްތައް ނަބީ ސަލާހުގައި ގާތްގަޑަކަށް ދިހަ އަހަރު ވަންދެން ހިންގާފައެވެ. އޭނާގެ ބައްޕަ ބަސީމް ތަމީމީ ވަނީ ހަތަރު އަހަރު ވަންދެން އިސްރާއީލުގެ ޖަލުގައި ހޭދަކޮށް އެތައް ފަހަރަކު ހައްޔަރުވެސް ކޮށްފައެވެ.

ތަމީމީ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 2012 ވަނަ އަހަރު އޭނާގެ ބޭބެ ހައްޔަރު ކުރަން ދިޔަ އިސްރާއީލުގެ ސިފައިންގެ މީހަކާ ކުރިމަތިލި ވީޑިއޯ ވައިރަލް ވުމުންނެވެ. 2017 ވަނަ އަހަރުވެސް އިސްރާއީލް ސިފައިން ވަނީ ތަމީމީ ހައްޔަރުކޮށްފައެވެ.

މާރާމާރީއާ، ޓެރަރިޒަމަށް ބާރު އެޅުން އަދި އިސްރާއީލް ސިފައިންނާ ދިމާލަށް ގައު އުކުން ފަދަ ކަންކަމުގައި މީގެކުރިން 12 ދައުވާއެއް ތަމީމީގެ މައްޗަށް ވަނީ އުފުލާފައެވެ. ތަމީމީ ވަނީ އަށް މަހުގެ ޖަލު ހުކުމެއްވެސް ތަންފީޒުކޮށްފައެވެ.

އިސްރާއީލުން ތަމީމީ ހައްޔަރުކުރިއިރު، އޭނާގެ ބައްޕަ ބަސީމް ތަމީމީވެސް މިދިޔަ ހަފުތާގައި ވަނީ ހައްޔަރުކޮށްފައެވެ.

ހުޅަނގު އައްސޭރީގެ އެތައް އަވަށެއްގައި އިސްރާއީލު ސިފައިން ހަރަކާތްތެރިވަމުންދާއިރު، ފަލަސްތީނުގެ ހަތިޔާރު އެޅި މުޖާހިދުންނާއި، އިސްރާއީލް ސިފައިންނާއި ދެމެދު ވަނީ ކުރިމަތިލުންތައް ހިނގާފައެވެ.

ފަލަސްތީނިއަން އޮތޯރިޓީ (ޕީއޭ) ގެ އެޑްވައިޒަރު އަދި ފަތަހަ ޕާޓީގެ މެމްބަރު ރާފަތް އަލިއަން ވެސް އިސްރާއީލު ސިފައިން ވަނީ ހައްޔަރުކޮށްފައެވެ.

އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ފެށިފަހުން، ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް އިން 1740 ފަލަސްތީނު މީހުން މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ.