18 May 2012, 22:02
ކާބުލްް (މޭ 18): އަފްޣާނިސްތާނުން ތެޔޮނެގުމަށް ކުރެވޭ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށާއި ތެޔޮނަގާ ޤައުމަކަށް އަފްޣާނިސްތާން ވެސް ވެގެންދާނެކަމުގެ ޔަގީންކަން ލިބިއްޖެކަމަށް އެޤައުމުން ބުނެފި އެވެ.
އަފްޣާނިސްތާނުގެ މައިނިން އާއި މަޢްދަންތަކާ ބެހޭ ވުޒާރާގެ ތަރްޖަމާން ޖަވާދު ޢުމަރާ ޙަވާލާދީ އެސޯސިއޭޓެޑް ޕްރެސް ބުނި ގޮތުގައި އަފްޣާނިސްތާނުން ތެޔޮނެގުމަށް މަސައްކަތް ކުރަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނީސް ނެޝަނަލް ޕެޓްރޯލިޔަމް ކޯޕަރޭޝަނުންނެވެ. އަފްޣާނިސްތާނުގެ ސަރަޙައްދުތަކުގައި ހަދާފައިވާ ޖިޔޮލޮޖިކަލް ސަރވޭތައް ދައްކާގޮތުން އެޤައުމުގައި އަމިއްލަ ބޭނުންތަކަށް އެކަށީގެންވާ މިންވަރަށް ތެޔޮ އެބަހުއްޓެވެ. މިގޮތުން ދުވާލަކު ބައިލައްކައެއްހާ ފީފާގެ ތެޔޮ ތިރީހަކަށް އަހަރުވަންދެން އަފްޣާނިސްތާނުން ނެގިދާނެ ކަމާއި ތެލުގެ އިތުރުން ތަފާތު އެތަށް ބާވަތެއްގެ މަޢްދަންތައް ވެސް އަފްޣާނިސްތާނުގައި ހުރިކަން މިސަރވޭތަކުން ހާމަވެފައިވެ އެވެ.
އަފްޣާނިސްތާނަކީ ދުނިޔޭގެ އެންމެ ފަގީރު ޤައުމުތަކުގެ ލިސްޓުގެ ވެސް ކުރީގައިއުޅޭ ޤައުމެކެވެ. މީގެ އިތުރުން ތިރީސް އަހަރަށް ވުރެ ދިގުލާފައިވާ ތަފާތު ހަނގުރާމަތަކުގެ ސަބަބުން އަފްޣާނިސްތާނަކީ ވަރަށް ބޮޑަށް ވީރާނާވެފައިވާ އަދި ރައްޔިތުންގެ ގިނަ ބަޔަކު ވަރަށް ފަގީރު ޙާލަތުގައިއުޅޭ ޤައުމެވެ. އަފްޣާނިސްތާނުން ނެގޭނެ ކަމަށް ބެލެވެނީ ދުވާލަކު 50 ހާހެއްހާ ފީފާގެ ތެލެވެ. މިއިން އެޤައުމަށް ބޭނުންވާ ހަކަތައިގެ ބޭނުންތައް ފުއްދޭނެކަމަށް އެޤައުމުގެ މައިނިން އާއި މަޢްދަންތަކާ ބެހޭ ވުޒާރާގެ ތަޖްރިބާކާރުން ލަފާކުރެ އެވެ.
މިހެންވެއްޖެ ނަމަ އީރާން ފަދަ ޤައުމުތަކުން ތެޔޮގަތުމަށް އަފްޣާނިސްތާނުން މިހާރުކުރާހޭދަ އެޤައުމުގެ ތަރައްޤީގެ ކަންކަމަށް ޚަރަދުކުރެވޭނެތީ މިކަމުގެ ސަބަބުން އަފްޣާނިސްތާނުގެ ޤައުމީ އާމްދަނީ އިތުރުވެ ޤައުމަށް ކޮންމެވެސްވަރެއްގެ ތަނަވަސްކަމެއް ލިބިގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އަފްޣާނިސްތާނުން ތެޔޮނެގޭނެ ކަމަށް ބެލެވިފައި ވަނީ އަންނަ އަހަރުގެ ކުރިކޮޅުގައި ކަމަށާއި އެންމެ ފުރަތަމަ ނެގޭނެ ކަމަށް ބެލެވެނީ ދުވާލަކު ފަސް ހާސް ފީފާއާއި ހަ ހާސް ފީފާއާދެމެދުގެ މިންވަރެއްކަމަށް މިކަމުގައި ޙަރަކާތްތެރިވާ ޗައިނާގެ ކުންފުނިން ބުނެ އެވެ.
އަފްޣާނިސްތާނުން ތެލާއި ބިމުގައިވާ ތަފާތު މަޢްދަންތައް ނެގި އެތަކެތި އެކްސްޕޯޓްކުރަން ފެށުމުން އެޤައުމުގެ ފަގީރުކަންކުޑަވެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަނޅުވެ އިޤްތިސާދީ ގޮތުން މެދުފަންތީގެ ޤައުމަކަށް ބަދަލުވުމުގެ ފުރްސަތު ކުރިޔަށް އޮތް ދިހަ ވަރަކަށް އަހަރު ތެރޭގައި ތަނަސްވެގެންދާނެ ކަމަށް ތަޖްރިބާކާރުން ލަފާކުރެ އެވެ. ނަމަވެސް މިފުރްސަތު ފަހިވާނީ އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމަތައް ހުއްޓި އެޤައުމުގައި ސުލްޙަޤާއިމް ކުރެވި ތަރައްޤީގެ ކަންތައްތައް ވަރަށް ރަނގަނޅަށް ރޭވި މިކަންކަން އެކަށީގެންވާ ގޮތެއްގައި ހިނގައިގަނެގެން ކަމަށް މިފަރާތްތަކުން ދެކެ އެވެ. (އެސޯސިއޭޓެޑް ޕްރެސް)