07 Nov 2023, 09:33
ޓައިވާންގައި ދެމަފިރިއަކު، ކުނިގޮނޑެއްގައި ތިބެ، ކައިވެނީގެ ފޮޓޯ ނަގައިފިއެވެ.
މިއީ ތިމާވެއްޓާމެދު ޢާއްމުންގެ ހޭލުންތެރިކަން އިތުރުކޮށް، ކުނީގެގޮތުގައި އުކާލާ ތަކެތި މަދުކުރުމަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ކުރިކަމެއް ކަމަށް އެ ދެމަފިރިން ބުނެފައިވެއެވެ.
އަދި އަންނަ ޖެނުއަރީ މަހު ބާއްވާ އެ ދެމަފިރިންގެ ކައިވެނީގެ ހަފްލާއަށް އަންނަ އާއިލާއާއި، ރަހުމަތްތެރިންނަށް ވަނީ، ބާކީވާ ކާއެއްޗެހި ގެންދިއުމަށް ގެއިން ތަށިގެނައުމަށް އެދިފައެވެ. ގެއިން ތަށި ހިފައިގެން އައުމަށް ދެކޮޅުހަދާ މީހުންނަށް މި ކުނިގޮނޑުގެ ފޮޓޯ ދައްކައިގެން، ތިމާވެއްޓަށް ހުރި ނުރައްކާތެރިކަން ހާމަކޮށްދޭނެކަމަށް ވެސް އެ ދެ މީހުން ބުނެފައިވެއެވެ.
އެ ދެމަފިރިން ކައިވެނީގެ ފޮޓޯ ނަގާފައިވަނީ ޓައިވާނުގެ ދެކުނުން އޮންނަ ޕުލީ ކިޔާ އަވަށުގައި ކުނި ޖަމާކޮށްފައިވާ ސަރަޙައްދުގައެވެ. އެ ސަރަޙައްދަށް ޖަމާކުރާ ކުނި ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވެއެވެ. އެގޮތުން ގާތްގަނޑަކަށް ފަންސާސް ޓަނުގެ ކުނި ދުވާލަކު އެ ސަރަޙައްދަށް ޖަމާކުރާ ކަމަށާއި، ކުނީގެ ހާލަތު އެ ސަރަޙައްދުގައި ގޯސްވެފައިވާ މިންވަރު އެ ދެމަފިރިންގެ ކައިވެނީގެ ފޮޓޯއިން ދައްކައިދިނުމަކީ، ފާހަގަކުރަންޖެހޭ ކަމެއް ކަމަށް އެ އަވަށުގެ މީހުން ބުނެއެވެ.