ފުރުގާންގައި މިސްކިތުގައި މިރޭ ޝެއިހު އިލްޔާސް ހުސެއިންގެ ދަރުސެއް ކުރިޔަށް ދަނިކޮށް ބަޔަކު މިސްކިތް ކައިރިއަށް އެއްވެ ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްފި އެވެ.

މާލެ ހިޔާ ހުންނަ ކޮށީގައި ގާއިމުކޮށްފައިވާ ވަގުތީ ފުރުގާނު މިސްކިތުގައި "މައާފު ކުރާށޭ!"ގެ ނަމުގައި އިލްޔާސް މިރޭގެ އިޝާ ނަމާދަށް ފަހު ދަރުސު ދެއްވަމުން ގެންދަވަނިކޮށް ބަޔަކު ހުރަސް އަޅަން މަސައްކަތް ކުރީ ދަރުސް ފެށިތަނާ އެވެ.

ފުލުހުންގެ މަރުކަޒެއް ވެސް ހިމެނޭ އެ ކޮށީގައި ހުންން ވަގުތީ މިސްކިތް ކައިރީގައި ހިނގި ހަމަނުޖެހުންތަކުގެ މަންޒަރު ދުށް ބައެއް މީހުނާއި މިސްކިތަށް ދަރުސް އަޑު އަހަން ދިޔަ ބައެއް މީހުން ބުނީ ދަރުސަށް ހުރަސް އަޅަން އުޅުނު މީހުންނާއި ދަރުސް އަޑު އަހަން ތިބި މީހުންނާ ދެމެދު ހަމަނުޖެހުންތައް ހިނގި ކަމަށެވެ.

އޭގެ ތެރެއިން އެކަކު ބުނީ ދަރުސަށް ހުރަސް އަޅަން މަސައްކަތް ކުރި މީހުންގެ ތެރެއިން ތިން މީހަކު މިރޭ ފުލުހުން ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށެވެ. އެތަނަށް ސަން އޮންލައިންގެ ނޫސްވެރިން ދިޔައިރު ވެސް ފުލުހުން ތިއްބެވެ.

"އަޅުގަނޑަށް ފެނުނު ދެ ފަރާތްދެމެދު ގާ އުކާ ހެދިތަން ވެސް ދެން ވަރަށް ހުތުރު ބަހުން ވާހަކަ ދައްކާ ވެސް ހެދި،" މަންޒަރު ދުށް އެމީހާ ބުންޏެވެ.

ހަމަނުޖެހުންތަކެއް ހިނގި ނަމަވެސް އެސަރަހައްދަށް ފުލުހުން ގޮސް އެ ސަރަހައްދަށް އެއްވި މީހުން ފޮނުވާލުމުން ފަހުން ވަނީ ދަރުސު ކުރިޔަށް ގެންގޮސްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުރުގާން މިސްކިތް ސަރަހައްދުގައި މިރޭ ހަމަނުޖެހުންތަކެއް ހިނގި ކަމަށާއި ތިން މީހަކު ހައްޔަރު ކުރިކަމަށް އެނގިފައިވާ ކަމަށާއި އެކަން އަދި މުޅިން ސާފު ނުވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

އިލްޔާސް މިރޭ ދެއްވަން އުޅުނު ދަރުސަށް ބަޔަކު ހުރަސް އަޅާފައިވާ އިރު މިމަހުގެ 11 ވަނަ ދުވަހު އައްޑޫގެ މިސްކިތެއްގައި އިލްޔާސް ދަރުސެއް ދެއްވަން އުޅުއްވުމުން ސިޓީގެ ކައުންސިލުން ވަނީ އިލްޔާސްއަކީ ސިޔާސީ ބޭފުޅެއްކަމަށާއި ދަރުސް ދެއްވައިފި ނަމަ މިސްކިތުގެ ހުރުމަތް ކެނޑިދާނެ ކަމަށް ބުނެ އެ ހުއްދަ ނުދީފަ އެވެ.