18 May 2012, 19:47
ސަރުކާރުގެ އިސް ވެރިން އިސްތިއުފާދިނުމަށް ގޮވާލާ އެމްޑީޕީން ކޮންމެ ހުކުރު ދުވަކު ބާއްވާ ހިނގާލުން މިއަދު ވެސް ކުރިޔަށް ގެންގޮސްފި އެވެ.
ވެރިރަށް މާލޭގެ ބޮޑެތި މަގުތަކުގައި ކުރިޔަށް ގެންދިޔަ ހިނގާލުމުގައި ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އެމަނިކުފާނުގެ ސަރުކާރުގެ އިސްވެރިންނަކީ ބަޣާވާތަކުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން ކަމަށް ބުނެ އޭބޭބޭފުޅުން މަގާމުން އިސްތިއުފާ ދެއްވުމަށް ވަނީ ގޮވާލާފަ އެވެ.
އެމްޑީޕީގެ ހަރަކާތްތައް ކުރިޔަށް ގެންދާ އުސް ފަސްގަޑުން މިއަދު ހަވީރު 5:00 ޖަހާ އެހާކަންހާއިރު ފެށި ހިނގާލުގެ ކުރީ ސަފުގައި އިސްކޮށް ތިއްބެވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ވިލުފުށީ ހަސަން އަފީފާއި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޖަނަވަރީމާގޭ ޝިފާ މުހައްމަދާއި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެމްބަރުނާއި އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ނެވެ.
އަވަސް އިންތިހާބަކަށް ގޮވާލަމުން ފެށި ހިނގާލުމުގައި ފުރަތަމަ ނުކުތީ މަޖީދީ މަގަށެވެ. އެއަށް ފަހު އެނބުރި ބޮޑުތަކުރުފާނު މަގަށް ނުކުމެ ޝުއޫރުފާޅުކޮށް ހިނގާލުން އުސްފަސްގަނޑަށް ނިންމާލީ އިރުއޮއްސުނު ވަގުތު އެވެ. މި ހިނގާލުމުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވި އެވެ.
ހިނގާލުމުގައި ރައީސް ވަހީދަށް ފުރައްސާރަ ރައްދުވާ ގޮތަށް ވެސް ޝުއޫރު ފާޅު ކުރި އެވެ. އަދި އެމަނިކުފާނަށް ނިސްބަތްކުރާ ކަމަށް ބުނެ އެކި ކަހަލަ އަޑު ނެރުމުގެ އިތުރުން ކާޅެއްގެ ސިފަ ރަމްޒުކޮށްދޭ ގޮތަށް ހެދުން އަޅުވާފައިވާ ދެ މީހަކު ވެސް ހިނގާލުމުގެ ތެރޭގައި ގެންގުޅުނެވެ. މުޅި ހިނގާލުމުގައި ވެސް އަވަސް އިންތިހާބަކަށް ގޮވާލުމުގެ އިތުރުން ދޭތެރެ ދޭރެއިން ކާޅުގެ އަޑުން ގޮވައި ހެދި އެވެ. އަދި އެހެން ގޮވާ ކޮންމެ ފަހަރަކު ރައީސް ވަހީދުގެ އިސްތިއުފާއަށް ވެސް ގޮވި އެވެ.
އެމްޑީޕީން އާދަކޮށްފައިވާ ހިނގާލުމުގައި ސިފައިންގެ މަރުކަޒު، ކަޅުތުއްކަލާ ކޮއްޓާ ހަމަވި ވަގުތު ސިފައިން ވަނީ ޝީލްޑާއެކު އެ ސަރަހައްދަށް ނުކުމެފަ އެވެ. އެވަގުތު އެއްވެސް ކުރިމަތިލުމެއް އަދި ހަމަނުޖެހުމެއް ވެސް ހިނގާފައެއް ނުވެ އެވެ. އެހެން ނަމަވެސް ހިނގާލުމުގެ ބައިވެރިން ވަނީ އެ ސަރަހައްދަށް މަޑުކޮށް ސިފައިނަށް ނިސްބަތްކޮށް އެއީ "ބާޣީން" ކަމަށް ބުނެ ޝުއޫރު ފާޅުކޮށްފަ އެވެ. ބައެއް މީހުން ހުތުރު ބަސްތައް ވެސް ބޭނުން ކުރި އެވެ.
އެމްޑީޕީގެ "ހުކުރު ހިނގާލުން" މިއަދު ކުރިޔަށް ގެންދިޔައިރު ޕާޓީގެ އިސް ލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ އެމަނިކުފާނު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގަ އެވެ.