06 Nov 2023, 11:11
ކުޑަ ކުދިންނަށް ޖިންސީީގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފުތަރު ޑިޖިޓަލްކޮށް އާންމުންނަށް ފެންނަ ގޮތަށް ޝާއިއުކޮށްފިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެދަފްތަރެއްއެންމެ ފުރަތަމަ ފަހަރަށް އެކުލަވާލައިފައި ވަނީ 2018 ވަނަ އަހަރުގައެވެ. މި ދަފްތަރުގައި އެމީހުންގެ ވަނަވަރުގެ އިތުރުން ކުރި ކުށުގެ ބާވަތާއި، ޙުކުމް ތަންފީޒުކޮށް ނިމޭ ތާރީޚު ފަދަ މުހިންމު މަޢުލޫމާތުތައް ހިމެނެއެވެ. ނަމަވެސް މި ދަފްތަރު އަދާހަމަކޮށް ޝާއިއުކުރަމުން އައިކަމުގައި ވީނަމަވެސް އާންމުންނަށް އެ ވެބްސައިޓަށް ވާސިލުވުމަށް ދަތިތަކާ ކުރިމަތިވިއެވެ.
ކުޑަކުދިންނަށް ޖިންސީީގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 57 ވަނަ މާއްދާ، ކުށްވެރިންގެ ދަފްތަރު ޝާއިއުކުރުމުގެ ދަށުން، ޖެންޑާ މިނިސްޓްރީން ޝާއިއުކުރަންޖެހޭ ކުށްވެރިންގެ ލިސްޓު، ޑިޖިޓައިޒްކޮށް އިއްޔެ ވަނީ ޝާއިއުކޮށްފައެވެ.
ޑިޖިޓަލައިޒޭޝަންގެ މި މަސައްކަތް އިފްތިތާހު ކޮށްދެއްވީ އިއްޔެ އެ މިނިސްޓްރީގައި އޮތް ހަފްލާއެއްގައި، މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މި ލިސްޓު އަޕްޑޭޓްކުރުމުގެ މަސައްކަތުގައި އެ އޮފީހުގެ ފަންނީ އެހީތެރިކަން، ޖެންޑާ މިނިސްޓްރީއަށް ފޯރުކޮށްދީފަ ވާނެ ކަމަށެވެ. އެގޮތުން، ކޯޓުން ހުކުމެއް ކުރުމާއެކު، އެ ހުކުމާ ބެހޭ މައުލޫމާތު އޮޓޮމެޓިކުން، ވަގުތުން ވަގުތަށް، މިނިސްޓްރީއަށް ފޯރުކޮށްދެމުންދާ ކަމަށް އެ އޮފީހުން ބުންޏެވެ.
"މި ލިސްޓު، މިހާރު އޮތް ގޮތަށް ޑިޒައިން ކޮށްފައިވަނީ ޖެންޑާ މިނިސްޓްރީގެ ފަންނީ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، ޕީޖީ އޮފީހުގެ އައިޓީ މުވައްޒަފުން. މިލިސްޓުގައި، ކުށްވެރިންގެ މަޢުލޫމާތު ތަފާތު ހަތް ފިލްޓަރަކުން ފިލްޓާ ކުރެވެން ހުންނާނެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް މިބާވަތުގެ ލިސްޓުތައް ހުންނަ ގޮތަށް، އެކި ފިލްޓަރު ތަކުން މީސްމީހުންގެ މަޢުލޫމާތު ބެލެން ހުންނާނެ،" ޕީޖީން ބުންޏެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، މި ދަފްތަރު ޑިޖިޓަލައިޒް ކުރުމުގެ މަގްސަދަކީ މީގެކުރިން މެނުއަލްކޮށް އަޅަމުންދިޔަ މައުލޫމާތު ލަސްކަމެއްނެތި ވަގުތުން އަދާހަމަކުރުން ކަމަށެވެ. އަދި އާންމުންނަށް ފަސޭހައިން މި ދަފްތަރުގައި ހުރި މައުލޫމާތަށް ވާސިލުވުން ކަމަށެވެ.
"މި މައުލޫމާތައި މި ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުމަކީ މިފަދަ އަނިޔާ ލިބިފައިވާ ކުދިންގެ ހައްގުގައި ވެސް ކުރުން ވަރަށް މުހިންމު ކަމެއް،" ޖެންޑާ މިނިސްޓްރީން ބުންޏެވެ.
މިހާރު ފިލްޓާކޮށް ދަފްތަރުގައި ހިމެނޭ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބޭނުންކޮށްގެން މައުލޫމާތު ހޯދޭނެގޮތް ވަނީ ފަހިވެފައެވެ.