މެންޗެސްޓާ ޔުނައިޓެޑުގެ އިނގިރޭސި ޑިފެންޑަރު ހެރީ މެގުއާ ދައްކަމުންދާ ކުޅުމަށް އެ ކްލަބުގެ ކޯޗު އެރިން ޓެން ހާގް ތައުރީފުކޮށްފިއެވެ.

މިދިޔަ ސީޒަނުގައި ފެނިގެންދިޔަ ގޯސްތަކުގެ ސަބަބުން ގިނަ ފާޑުކިޔުންތަކަކާ ކުރިމަތިލާން ޖެހުނު މެގުއާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ފުލަމް އަތުން 1-0ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވި މެޗުގައި މޮޅު ކުޅުމެއް ދައްކައިފައެވެ. އެ މެޗުގައި ދެއްކި ވަރުގަދަ ކުޅުމަށް އޭނާއަށް ވަނީ ކޯޗު ޓެން ހާގްގެ ތައުރީފު ވެސް ލިބިފައެވެ.

"މެގުއާ އެ ކުޅުނީ ބޮޑު މެޗެއް. އޭނާ ދެއްކީ މޮޅު ކުޅުމެއް. ލީޑާޝިޕް ދައްކައި، އޭނާ ވަނީ މުޅި މެޗުގައި ވެސް ކޮންޓްރޯލު ހޯދުމަށް ރަނގަޅު ކުޅުމެއް ދައްކާފައި. މެގުއާގެ ކުޅުމާ މެދު އަހަރެން މިހުރީ ހިތްހަމަޖެހިފައި،" ނޫސްވެރިންނާ ވާހަކަދައްކަމުން ޔުނައިޓެޑުގެ ކޯޗު ޓެން ހާގް ބުންޏެވެ.

ޔުނައިޓެޑުން ފުރުސަތުތައް ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވުމުން މިސީޒަންގެ ކުރިން އެހެން ކްލަބަކަށް ބަދަލުވުމަށް މެގުއާ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން އޭނާ ހޯދުމަށް ވެސްޓް ހާމް ޔުނައިޓެޑުން ވެސް މަސައްކަތްތަކެއް ކުރިއެވެ.

މެގުއާއަށް އަލުން ޔުނައިޓެޑުން ފުރުސަތުތައް ލިބެން ފެށީ އެ ކްލަބުގެ މުހިންމު ޑިފެންޑަރުންތަކަކަށް އަނިޔާވުމާ ގުޅިގެންނެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަންނަ ބުދަ ދުވަހު ކޯޕަންހޭގެންއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުން ވެސް އޭނާއަށް ފުރުސަތު ދޭނެ ކަަމަށް ބެލެވެއެވެ.