18 May 2012, 19:01
ކޮމަންވެލްތްގެ، މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ އެޖެންޑާގައި ރާއްޖެ ހިމަނާފައި ވަނީ ކޮމަންވެލްތްގެ ގަވާއިދާއި ހިލާފަށް ކަމަށާއި ސީމެގްގެ އެޖެންޑާއިން ރާއްޖޭގެ މައްސަލަތައް ނަގާނެ ކަމަށް ޔަގީންކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް 100 ދުވަސް ފުރުމާ ދިމާކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ވަހީދު ވިދާޅުވީ ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނައި ރާއްޖެއާ މެދު ވަކި ގޮތަކަށް ކަންތައްތައް ކުރަން ނުފޫޒު ފޯރުވާ ބަޔަކު އުޅޭ ކަމަށާއި ކޮމަންވެލްތައް ކަންތައްތައް ކުރެވުނު ގޮތުން އެކަމާ އެ ޖަމާއަތުން ދެރަވާކަން ވެސް އެނގިވަޑައިގެންފައިވާ ކަމަށެވެ.
"ވަރަށް ނުތަނަވަސް ދަނޑިވަޅެއްގައި ކޮމަންވެލްތާއި ގުޅިގެން، ކޮމަންވެލްތުގައި ތިއްބެވި ބައެއް ރައްޓެހިން ބޭރު ގައުމުތަކުގެ ބައެއް ރައްޓެހި ބޭފުޅުންނާއި ގުޅައިގެން ކޮމަންވެލްތްގެ ގަވާއިދުތަކާއި ހިލާފަށް ސީމެގުގެ އެޖެންޑާގައި އަޅުގަނޑުމެން ހިމެނީ، އެއީ ކޮމަންވެލްތުން ވެސް ކޮށްގެންވާނެ ކަމެއް ނޫން، އަޅުގަނޑު ވާނީ އެކަން ތަކުރާރުކޮށް ދަންނަވާފައި، ކޮމަންވެލްތުން އެކަން ކޮށްފައި ވެސް އެއޮތީ އެ ޖަމާއަތުގެ ގަވާއިދުތަކާއި އެއްގޮތަކަށް ވެސް އެއްގޮތަކަށް ނޫން،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑަށް ޔަގީންކުރެވޭ ކޮމަންވެލްތުގެ ސީމެގްގެ އެޖެންޑާއިން އަޅުގަނޑުމެން ނަގާނެކަން، އަދި އަޅުގަނޑުމެންނާއި ދޭތެރޭ ކޮމަންވެލްތުން ކަންތައްކުރެވުނު ގޮތާއި ދޭތެރޭގައި ކޮމަންވެލްތުން މިހާރު ދެރަވާނެ ކަންވެސް އަޅުގަނޑަށް އިނގޭ، އެކަން އޮތީ މި ދެންނެވި ގޮތަށް. އެއީ މިވީ ދުވަސްކޮޅުގައި އަޅުގަނޑުމެންގެ ބުރަކައްޓަށް ހެރިފައި އިން ކައްޓެއް ކަހަލަ ކަމެއް، އެކަމަކު ދެން އެކަން އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ،" ރައީސް ވިދާޅުވި އެވެ.
ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނުނު ގޮތާމެދު ކޮމަންވެލްތާއި ސުވާލުކޮށްފައިވާނެ ކަމަށާއި އެޖެންޑާގައި ރާއްޖެ ހިމެނީ ގަވާއިދާ މުޅިން އެއްގޮތައް ނޫންކަމަށް ބައެއް އެހެން ގައުމުތަކުން ވެސް އެއްބަސްވެފައިވާ ކަން އެނގިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ މައްސަލައިގައި އަޅުގަނޑުމެން ވާނީ ކޮމަންވެލްތާއި ސުވާލުކޮށްފައި، އަދި އެކަން ކުރެއްވުމުގައި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ބައެއް އެހެން ގައުމުތަކު ވެސް އަޅުގަނޑުމެންނާ އެއްބަސްވެލައްވާ އެކަން ކުރެވިފައި އޮތީ ރަނގަޅަށް ނޫންކަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޮމަންވެލްތައް ރާއްޖެއިން އެއްބާރުލުން ދިނީ އެ ޖަމާއަތުގެ އެޖެންޑާގައި ރާއްޖެ ހިމަނާފައި އޮތީ ރަނގަޅަށް ކަމަށް ސަރުކާރުން ގަބޫލު ކުރާތީ ނޫން ކަމަށާއި ސަރުކާރުން އެކަމުގައި ފޮރުވާނޭ އެއްވެސް އެއްޗެއް ނެތުމުން ކަމަށެވެ.
"ސަރުކާރަކު ފޮރުވާނެ އެއްޗެއް، ސަރުކާރުން ބޭނުންވީ ހުރިހާ ކަމެއްވެސް ހާމަކޮށްގެން ކުރިއަށް ގެންދަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދާހިލީ މައްސަލަތައް ހައްލުކުރަންޖެހޭނީ ގައުމުގެ އެތެރޭގައި ވާހަކަ ދައްކާ މަޝްވަރާކޮށްގެން ކަމަށާއި ބޭރުގެ ފަރާތްތަކުގެ ނުފޫޒު އެފަދަ ކަންކަމުގެ ތެރެއަށް ވައްދަން މަސައްކަތް ކުރުމަކީ ގައުމަށް ފައިދާ ހުރި ކަމެއް ނޫން ކަމަށެވެ.