06 Nov 2023, 11:33
ކޮލަމްބިއާ ފޯވަޑް ލުއިސް ޑިއާޒް ގޯލު ޖެހުމަކީ ޚާއްސަ ވަގުތުކޮޅެއް ކަމަށާއި ނަމަވެސް ޑިއާޒްއަށް އެންމެ މުހިންމީ ރަހީނުކޮށްފައިވާ އޭނާގެ ބައްޕަ މިނިވަންވުން ކަމަށް ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ލުޓޮން ޓައުން އަތުން ބަލިވާން ދަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ލިވަޕޫލަށް ފަހުވަގުތު ނަތީޖާ ހަމަހަމަކޮށްދިނީ ޑިއާޒްއެވެ. އެއީ ކޮލަމްބިއާގައި ޑިއާޒްގެ ބައްޕަ ރަހީނުކުރި މައްސަލައަށްފަހު، އޭނާ ލިވަޕޫލުގެ ސްކޮޑުގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.
މެޗަށްފަހު 'ސްކައި ސްޕޯޓްސް'އަށް ދިން އިންޓަވިއުއެއްގައި ލިވަޕޫލުގެ ކޯޗު ކްލޮޕް ބުނީ އެއީ ލިވަޕޫލަށް ވަރަށް މުހިންމު ގޯލެއް ކަމަށާއި އަދި ޑިއާޒަށް އެއީ އިހުސާސްތައް އެކުލެވޭ ގޯލެއް ކަމަށެވެ.
"އެއީ ހާއްސަ ވަގުތުކޮޅެއް. އެކަމަކު ޑިއާޒްގެ ހާލަތަށް އަދިވެސް ބަދަލެއް ނާދޭ. ޑިއާޒްއަށް އެންމެ މުހިންމު ކަމަކީ ސަލާމަތުން އޭނާގެ ބައްޕަ މިނިވަންވުން. ޑިއާޒް ޓީމާ ގުޅުމަކީ ލިވަޕޫލަށް ލިބޭނެ އުފަލެއް،" ކްލޮޕް ބުންޏެވެ.
ރޭގެ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނުމަށްފަހު، ޑިއާޒް ވަނީ ހާއްސަ މެސެޖެއް ދީފައެވެ. ޖާޒީގެ ދަށުން ޑިއާޒް ލައިގެން ހުރި ޓީޝާޓުން ދިން މެސެޖަކީ އޭނާގެ ބައްޕަ މިނިވަންކޮށްދިނުމަށެވެ.