06 Nov 2023, 08:43
ތަފާތު އެކި ކަހަލަ އިޖުތިމާއީ މައްސަލަތަކުގެ ވާހަކަ ކިޔައިދޭ އިލްޔާސް ވަހީދު (އިއްލެ)ގެ ކޮމެޑީ ފިލްމު "ފްރީ ޑެލިވަރީ" ވަނީ ދާދިފަހުން ޕްރިމިއާ ކޮށްފައެވެ.
ޑާކް ކޮމެޑީއެއްގެ ގޮތުގައި ލޭބަލް ވަމުން އަންނަ މި ފިލްމާ ގުޅޭގޮތުން އާންމުންގެ ޚިޔާލުތައް އަންނަނީ ސޯޝަލް މީޑިއާގައި އާންމުވަމުންނެވެ. އެގޮތުން މި ފިލްމު ވެފައިވަނީ ގިނަ ބަޔަކަށް ވަރަށް މަޖާވި އަދި ގަދައަށް ހެއްވާލި ފިލްމަކަށެވެ.
މަޝްހޫރު އެކްޓަރު ނުޒުހަތު ޝުއައިބު ވެސް ވަނީ ފިލްމު ބަލަން ގޮސްފައެވެ. އޭނާ ފާހަގަކޮށްފައިވާ ގޮތުގައި ދެ ގަޑިއިރުގެ އެ ފިލްމު ނިމުނީ މުޅިން ވެސް ހަމަ ހީހީ އިންދައެވެ. މި ފިލްމު ބަލަން ދިޔައީ މާ ގިނަ އުއްމީދުތަކެއް ކޮށްގެން ނޫން ކަމަށް ނުޒޫ ފާހަގަ ކުރިއެވެ. ނަމަވެސް މި ފިލްމު ވަރަށް ކަމުދިޔަ ކަމަށް އޭނާ ބުންޏެވެ.
އަދި އެންމެން ވެސް މި ފިލްމު ބަލާލަން ދިޔުމަށް އޭނާ އެދެއެވެ. މިއީ ހެއްވާލާނެ ފިލްމެއްކަމުގެ ޔަގީންކަން އޭނާ ދެއެވެ.
ނުޒުހަތުގެ އިތުރުން ވެސް ފިލްމު ބަލަން ދިޔަ ގިނަ ބަޔަކު ދައްކަނީ ފިލްމުގެ މަޖާ ވާހަކައެވެ. މުޅި ފިލްމުގެ ތެރެއިން ވެސް ހަމަ ފޫހިވާނެ ވަގުތުކޮޅެއް ލިބިފައި ނުވާ ކަމަށް އެއްބައި މީހުން ބުނެއެވެ.
ފިލްމުގެ މައިގަނޑު ހާދިސާ ހިނގަނީ އެއް ރެއެއްގައެވެ. ޑެލިވަރީ ސާވިސްގެ ތެރެއިން ދިމާވާ އެކި ކަހަލަ ކަންތައްތައް މި ފިލްމުން ދައްކައިދޭނެއެވެ.
ފިލްމުގެ ލީޑު ކާސްޓުން ފެންނާނީ އައިޝާ އަލީ އާއި ރައުފަތު ސޯދިގުގެ އިތުރުން ތާތި އާދަމް އެވެ. މި ފިލްމުގެ ކާސްޓު ބޮޑުއިރު އިތުރު ރޯލުތަކުން ފެންނާނީ އަހްމަދު ޝާރިފާއި ވާޝިޔާ މުހައްމަދުގެ އިތުރުން ހާފިޒް މުހައްމަދާއި ފާޒިލް ފަޔާޒް އާއި ފާތިމަތު ލަތީފާއި މަރިޔަމް ވަހީދާއެވެ.
މި ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައިވަނީ އާސިމް އަލީ އާއި އާމިރު އަލީ އަދި އިލްޔާސް ވަހީދު (އިއްލެ) އެވެ.