ނަވާރަ ސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ތެރޭ ފިލްމީ ދާއިރާގެ އެންމެ މަގުބޫލު ބަތަލާއިންގެތެރޭ ހިމެނުނު ޒީނަތު އަމަން ފިލްމީ ދާއިރާއަށް އެނބުރި ނުކުންނަން ތައްޔާރުވެއްޖެއެވެ.

ޒީނަތު އަމަން ފިލްމީ ދާއިރާއަށް ނުކުންނަ ފިލްމަކީ އިންޑިއާގެ ފެޝަން ޑިޒައިނަރު މަނިޝް މަލްހޯތުރާ ޑައިރެކްޓްކުރާ ފިލްމު "ބުން ޓިއްކީ"އެވެ. ޒީނަތާއެކު މި ފިލްމުގެ ވަރަށް މުހިއްމު ރޯލްތަކުން ކުރީގެ ބަތަލާ ޝަބާނާ އަޒްމީ އަދި އެކްޓަރު އަބޭ ޑިއޯލް ފެންނާނެއެވެ.

ކުރީގެ ފިލްމީ ބަތަލާ ޒީނަތު އަމަން.

އަބޭ ޑިއޯލް ލީޑް ރޯލް ކުޅޭ މި ފިލްމަށް ޒީނަތު އަމަން ތައްޔާރުވަމުން އަންނަތާ ވަރަށް ދިގު މުއްދަތެއް ވެފައިވާކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ޒީނަތު އަމަން ފިލްމާ ގުޅުނުކަން އިއުލާނު ކުރަމުން މަނިޝް ބުނެފައިވަނީ ޝަބާނާއާއި ޒީނަތު އަކީވެސް އޭނާ ވަރަށް ބޮޑަށް ލޯބިކުރާ ދެ ތަރިން ކަމަށެވެ.

މި ދެ ތަރިންގެ ފިލްމުތަކުން ފެށިގެން އެ ފިލްމުތަކުގެ ލަވަތަކުގައި ބޭނުންކޮށްފައިވާ ފޭރާންތަކަކީ ވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަކެތި ކަމަށާއި ހިންދީ ސިނަމާގެ އެންމެ ހިތްގައިމު ހަނދާންތައް ގުޅިފައިވާ ކަންކަން ކަމުގައި މަނިޝް ވަނީ ބުނެފައެވެ.

މަނިޝްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއިން އުފައްދާ ދެވަނަ ފިލްމުން ޝަބާނާ އާއި ޒީނަތު އެކީގައި ގެނެސްދިނުމުގެ ޝަރަފު ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް މަނިޝް ވަނީ ސިފަކޮށްފައެވެ. ފިލްމު "ބުން ޓިއްކީ" އަކީ ޖިއޮތީ ދޭޝް ޕާންޑޭ ޕްރޮޑިއުސްކޮށް މަނިޝްގެ ޚާއްޞަ ބެލުމުގެ ދަށުން އުފައްދާ އާއިލީ ފިލްމެކެވެ.

އަމިއްލަ ޕްރޮޑަކްޝަން ހައުސްގެ ދެވަނަ ފިލްމެއް މަނިޝް މަލްހޯތުރާ އިއުލާނު ކޮށްފައި ވާއިރު ހިންދީ ސިނަމާގެ ލެޖެންޑު މީނާ ކުމާރީގެ ބައޮޕިކްއެއް ގެނެސްދިނުމުގެ މަސައްކަތް ވެސް ތަޖުރިބާކާރު ފެޝަން ޑިޒައިނަރު ވަނީ ފަށާފައެވެ.