ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީގެ ފުރަތަމަ ފިލްމު އުފައްދަން ބޭނުންވީ ޝާހްރުކް ޚާންއާއެކު ކަމަށް ކާމިޔާބު ގިނަ ފިލްމުތައް އުފައްދާފައިވާ ޕްރޮޑިއުސަރު ބުނެފިއެވެ.

އޭރު ޝާހްރުކް ޚާން އަކީ ޓެލެވިޒަން ތަރިއެއް ކަމަށާއި ރާޖް ކުމާރު ހިރާނީ ދިޔައީ ފިލްމު އިންސްޓިޓިއުޓްގައި ފިލްމު އުފެއްދުމުގެ ދާއިރާއިން ތަޢުލީމު ޙާސިލުކުރަމުން ކަމަށް ތަޖުރިބާކާރު ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ރާޖް ކުމާރު ހިރާނީއަށް ޝާހްރުކް ޚާން އަލަށް ވެސް ފެނުނީ 1989ވަނަ އަހަރު ކުޅުނު ކުޅުނު މަޝްހޫރު ޓީވީ ސީރީސް "ސާކަސް"އިންނެވެ. އެވަގުތު ވެސް ޝާހްރުކްގެ އެކްޓިންގް ހުނަރު ދަނެގަނެވުނު ކަމަށާއި އޭނާ ގްރެޖުއޭޓު ވުމަށްފަހު އުފައްދާ ފުރަތަމަ ފިލްމު ޝާހުއާއެކު ކުޅެން ހިތުގައި ޢަޒުމް ކަނޑައެޅި ކަމަށް ހިރާނީ ވަނީ ބުނެފައެވެ.

އެހެންނަމަވެސް ފިލްމު އުފެއްދުމުގެ މައިދާނަށް ހިރާނީ ނުކުތް އިރު ޝާހުއަކީ ބޮލީވުޑްގެ ފުންނާބު އުސް އެކްޓަރުންގެ އެންމެ ކުރީ ސަފުގައި ހުރި ފަރާތަކަށް ވުމުން ފިލްމެއް ހުށަހަޅަން ފަސްޖެހެވުނީ ކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ކުރިޔަށް އޮތް ޑިސެމްބަރު މަހު 22ގައި ރިލީޒްކުރާ ފިލްމު "ޑުންކީ"ގެ މަންޒަރެއް

ޝާހުއަށް ހިރާނީގެ ކާމިޔާބު ފިލްމުތައް ކަމަށްވާ "މުންނާ ބާއި އެމްބީބީއެސް" އަދި "ތުރީ އިޑިއަޓްސް" ހުށަހެޅި ނަމަވެސް އަލަށް ފިލްމު ޑައިރެކްޝަނަށް ނުކުތް ފަރާތަކާއެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަމެއް ނެތްކަމަށް ޝާހު ވަނީ ބުނެފައެވެ.

ފިލްމު "ސަންޖޫ" އަދި "ޕީކޫ" ފަދަ ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ހޯދި ހިރާނީގެ ކުރިޔަށް އޮތް ފިލްމު "ޑުންކީ" ޝާހުއަށް ހުށަހެޅުމާއެކު އިތުރަށް ފުރުސަތު ނަގާނުލާ ބޭނުންވީ މި ފިލްމުގައި ހިރާނީއާއެކު މަސައްކަތް ކުރުމަށް ކަމަށް ޝާހު ވަނީ ބުނެފައެވެ. ކުރިޔަށް އޮތް ޑިސެމްބަރު މަހު ރިލީޒްކުރާ ފިލްމު "ޑުންކީ"އަކީ ޝާހްރުކްގެ ކެރިއަރުގެ އެންމެ ކާމިޔާބު ދެ ފިލްމު ކަމަށްވާ "ޕަތާން"އާއި "ޖަވާން"އަށް ވުރެވެސް ބޮޑަށް ބެލުންތެރިން މުނިފޫހިފިލުވައިދޭނެ ފިލްމެއް ކަމަށް ރާޖް ކުމާރު ހިރާނީ ވަނީ ބުނެފައެވެ.