05 Nov 2023, 23:19
މަދިރި އިންތިހާއަށް ގިނަކަމުން، ޑެންގީ ހުމަށް ފައްސިވީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މި ވަގުތު މަޖިލީހަށް ނުކުތުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
ޑެންގީ ހުމަށް ފައްސިވުމުގެ ސަބަބުން، އީވާ ސަލާމުގައި ހުންނަވާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
އީވާ އެންމެ ފުރަތަމަ ސަލާން ވިދާޅުވީ، މިދިޔަ އާދިއްތައިގައެވެ. އެއީ، ދެ ބެއިންގެ ދެ ދަރި ބޭބޭފުޅު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރި ފުރަތަމަ ދުވަހެވެ. އެކަމަކު، މުޅި ހަފުތާ އީވާ ސަލާން ވިދާޅުވުމުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ.
އެ ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އާޒިމް މިރޭ ވިދާޅުވީ، އީވާ އަސްލަށް ވެސް އުޅުއްވަނީ އާލާސްކަންފުޅާ ކަމަށެވެ.
"އެ ހުރީ ބްލަޑް ރިޕޯޓު. އެ ވަރުގެ ރިޕޯޓެއް ދެން ހިއެއް ނުވޭ މީހަކު މަކަރެއް ހަދައިގެންނެއް ނެރުމުގެ ބޭނުމެއް ނެތް. އަސްލު ހަމަ ބަލިވެ އުޅެނީ. ޑެންގޫ ރަނގަޅުވަނީ ދެ ހަފުތާއިން ކަމަށް މި ކިޔަނީ އާންމުކޮށް، މުޅިން ރަނގަޅު ވާނީ،" އޭނާ ވިދާޅުވިއެވެ.
"އީވާ ހަދައިފި ދެވަނަ ޓެސްޓެއް ވެސް. އެއިން ވެސް ދައްކަނީ ޕޮޒިޓިވް [ފައްސި] ކަމަށް،"

މަޖިލީހުގެ ޖަލުސާއެއްގެ ތެރެއިން އީވާއާއި އާޒިމް ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް
އާޒިމް ވިދާޅުވީ، މި ވަގުތުގެ ހާލަތަށް ބަލާފައި އީވާ މަޖިލީހަށް ނުކުތުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ. ސަބަބަކީ މަޖިލީހުގެ އިދާރާގެ ތެރޭގައި އިންތިހާއަށް މަދިރި އުޅުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މުޅި މަޖިލީހުގައި އޮންނާނީ މަދިރި، އަނެއްހެން ޖުމުލަކޮށް. އެހެންވީމާ އެކަކު ގައިގައި ޖައްސާފައި އަނެކަކު ގައިގައި ޖައްސާފައި އެހެން މީހުންނަށް ވެސް ޖެހުމުގެ ޗާންސް އެބައޮތް،" އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، އެމްޑީޕީން އުޅެނީ ނަޝީދާ ޒާތީ ވެގެން ކަމަށެވެ. މަޖިލީސް ހިންގާ ގޮތް ގޯސްވެގެން ނޫން ކަމަށާއި މިހާރު އިތުބާރު ނެތް ކަމަށް ބުނެ މައްސަލައެއް ހުށަހަޅައިގެން އުޅެނީ ޒާތީ ކަމެއްގައި ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.
އީވާގެ އާލާސްކަންފުޅުގެ ސަބަބުން މަޖިލިސް ހުއްޓުމުން އެމްޑީޕީން އޮތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެހެންވެ، އީވާ އަނެއްކާ ވަނީ އެ މައްސަލަ ކޯޓުގައި އޮއްވައި ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެވަޑައިގެންފައެވެ. ދެން ނަޝީދުގެ މައްސަލަ ތާވަލު ކުރެވޭނެ ދުވަހެއް މިހާރު ނޭނގެއެވެ. \
އެމްޑީޕީން ކޯޓަށް ހުށަހެޅި މައްސަލައަށް، މަޖިލީހާއި އެމްޑީޕީގެ އިތުރުން ޑިމޮކްރެޓުންނާއި ޕީޕީއެމް/ޕީއެންސީން ވެސް ވަނީ ތަދައްޚުލްވެފައެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނަށް ވަނީ ތާވަލުކޮށްފައެވެ.