06 Nov 2023, 08:59
އެންޑްރޮއިޑް ސްމާޓްފޯންތަކަށް ޚާއްޞަ ގޫގުލް ވާޗުއަލް ކީބޯޑް ނުވަތަ ޖީބޯޑަށް، ފޯނުގެ ކެމެރާ މެދުވެރިކޮށް ޓެކްސްޓް ސްކޭން ކުރެވޭ އާ ފީޗާއެއް އިތުރުކޮށްފިއެވެ.
މި ފީޗާއަކީ ފޮޓޯތަކުން ޓެކްސްޓް ދެނެގަނެ، ކީބޯޑުން ލިޔަމުން އަންނަ ލިޔުންގަނޑުގެ ތެރެއަށް އިންސާޓް ކޮށްލުން ފަދަ ކަންކަމަށް ޚާއްޞަ، އޮޕްޓިކަލް ކެރެކްޓާ ރިކޮގްނިޝަން (އޯސީއާރް) ބޭނުންކުރާ ފީޗާއެކެވެ. މި ފީޗާގެ މަގްސަދަކީ އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ގޫގުލް ލެންސްގެ ބަދަލުގައި އިތުރު ގޮތެއް ހޯދައިދިނުމެވެ.
އެންމެ ފަހުގެ ޖީބޯޑް ބީޓާ ވާޝަންގައި މިފީޗާ ފެންނާނީ އާ ބަޓަނަކުންނެވެ. ކީބޯޑްގެ އެހެން ފީޗާތައް ފަދައިން އިތުރު ކެމެރާ އައިކަން އެއް ކީބޯޑުން ފެންނާނެއެވެ. ކީބޯޑުގެ އެ ކެމެރާ މެދުވެރިކޮށް ނަގާ ފޮޓޯތައް ސްކޭންކޮށް، ބޭނުންވާ ލިޔުންތައް ހައިލައިޓް ކުރެވޭނެއެވެ. އަދި އެ ލިޔުންތައް ކޮޕީކޮށް ބޭނުންތާކަށް ޕޭސްޓްވެސް ކުރެވޭނެއެވެ.
މީގެ ކުރިން އޯސީއާރުއަށް ވަނުމަށް ގޫގުލް ލެންސް ފަދަ ވަކި އެޕްލިކޭޝަނެއް ބޭނުންވެއެވެ. އެހެންނަމަވެސް މިހާރު ސީދާ ޖީބޯޑުގައި މި ފީޗާ އިންޓަގްރޭޓް ކުރުމުން އެޕްލިކޭޝަންތަކުގެ މެދުގައި ސްވިޗް ކުރަން ނުޖެހި އެ ޕްރޮސެސް ފަސޭހަ ކޮށްދެއެވެ.
މިފީޗާ މިވަގުތު ހަމައެކަނި އެންޑްރޮއިޑް ވާޝަންގެ ބީޓާ ޓެސްޓިންގައި ހުރި ނަމަވެސް، ވަރަށް އަވަހަށް ގޫގުލް ޖީބޯޑަށް ތައާރަފުކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ގޫގުލްގެ ޖީބޯޑުން ޓެކްސްޓް ސްކޭން ކުރެވޭއިރު، މި ފީޗާ އައިއޯއެސްއަށް ލިބޭނެ ކަމެއްވެސް އަދި ލިބޭނެ ދުވަހެއްވެސް ގޫގުލްއިން ހާމަކޮށްފައެއް ނުވެއެވެ.