06 Nov 2023, 09:16
އިންގްލިޝް ވިމެންސް ސުޕާ ލީގުގައި އާސެނަލް ވިމެން އާއި މެންޗެސްޓާ ސިޓީ ވިމެން ބައްދަލުކުރި މެޗު އާސެނަލް ކާމިޔާބުކޮށްފިއެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމް ކާމިޔާބުކުރީ ދެ ލަނޑު އެއްލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. އަދި މިމެޗުގެ ފެށުން ސިޓީގެ ރަނގަޅުވި ނަމަވެސް މެޗުގެ 14 ވަނަ މިނެޓްގައި މިމެޗުގެ ލީޑު ނެގިތަން ފެނިގެންދިޔައީ އާސެނަލްއިންނެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓެފަން ކެޓްލީއެވެ. މިލަނޑާއެކު މެޗުގެ އޮއެވަރު އާސެނަލްއާ އެއްކޮޅަށް ބަދަލުވިއެވެ. މިގޮތުން މެޗުގެ 20 ވަނަ މިނެޓްގައި ސިޓީގެ ޒުވާން ކީޕަރު ހިއާރާ ކީޓިން އާސެނަލްގެ ކްލޯއި ލަކާސޭއަށް ޕެނަލްޓީ އޭރިއާ ތެރެއިން ފައުލް ކުރުމާއެކު އާސެނަލްއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް ކީޓިން ވަނީ ކިމް ލިޓްލް ފޮނުވާލި ޕެނަލްޓީ ދިފާއުކޮށްފައެވެ.
މިމެޗުގައި ސިޓީއިން އެއްވަރު ކުރި ލަނޑު މެޗުގެ 72 ވަނަ މިނެޓްގައި އެޓީމަށް ޖަހައިދިނީ ކްލޯއި ކެލިއެވެ. މިއާއެކު ދެޓީމުންވެސް މެޗުގެ ލީޑު ނެގުމަށް މަސައްކަތް ކުރިނަމަވެސް މިމަސައްކަތް ކާމިޔާބުވީ އާސެނަލްއަށެވެ. މިގޮތުން މެޗުގެ 87 ވަނަ މިނެޓްގައި އާސެނަލްގެ ބަދަލު ކުޅުންތެރިޔާ ސްޓިނާ ބްލެކްސްޓޭނިއަސްވަނީ އާސެނަލްއަށް މިމެޗުން އާސެނަލް މޮޅުވި ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިކާމިޔާބީއާއެކު އާސެނަލް ވިމެން މިވަނީ އެޓީމްގެ ކުޅުން ރަނގަޅު ވަމުން އަންނަކަން ހާމަކޮށްދީފައެވެ. އަދި މިއާއެކު އާސެނަލް މިވަނީ ސިޓީ ވިމެންއާ ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފައެވެ. މިއިން ކޮންމެ ޓީމަކަށްވެސް މިހާރު ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. އަދި ސިޓީއަށް ކުރި ލިބެނީ ފައިދާ ގޯލަށް ބަލާއިރުއެވެ. މިއީ މިފަހަރުގެ ސީޒަންގައި ސިޓީ ބަލިވި ފުރަތަމަ މެޗެވެ. އަދި މިއާއެކު ތާވަލްގެ އެއްވަނައިގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ވިމެންއާ އަރާ ހަމަ ކުރުމަށް ލިބުނު ފުރުސަތުވެސް މިވަނީ މިވަގުތަށް ގެއްލިފައެވެ.