ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން ހުޅުވައިލައިފިއެވެ.

ޖޭއެއެސްސީން ކުރި އިއުލާނުގައިވާ ގޮތުން ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ މި މަހު 12ވަނަ ދުވަހުގެ ރޭގަނޑު 11:00ގެ ކުރިންނެވެ.

އެ މަގާމަށް ކުރިމަތިލެވޭނީ ޖޭއެސްސީގެ ފަހިރެސްޕޯޓަލްމެދުވެރިކޮށެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ މުސާރައަކީ 36،000 ރުފިޔާއެވެ. އޭގެ އިތުރަށް އެލަވަންސްތައް ހިމެނޭނެއެވެ.

މީގެ ކުރިން ނިމިދިޔަ މަހުގެ 30ވަނަ ދުވަހު، ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ އައްޔަންކޮށްފައެވެ އަދި، ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް އަލްއުސްތާޛާ މަރްޔަމް ވަޙީދު ވަނީ އައްޔަންކޮށްފައެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވީ، އެ ކޯޓުގެ ފަނޑިޔާރު އަޙްމަދު ޝަކީލު ރިޓަޔާކުރައްވަން ޖޭއެސްސީން ނިންމުމުންނެވެ. ޝަކީލް ރިޓަޔަވުމަށް އެދިލެއްވީ ސިއްހީ ސަބަބަކާ ހުރެކަމަށް ވިދާޅުވެއެވެ.

އެގޮތުން ހިތުގެ ބައްޔެއް ކަމަށްވާ ސިކް ސައިނަސް ސިންޑްރޯމަށް ފަރުވާ ކުރައްވަމުން ގެންދަވާ ކަމަށާއި އެ ބަލީގައި މިހާރު ދެ ފަހަރެއްގެ މަތިން ޕޭސް މޭކަރު ވެސް ވަނީ ލައްވައިފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.