ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ 2013 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކުރިން ވެސް އިންތިހާބެއް ބާއްވައިފިނަމަ މި ސަރުކާރުން އެ އިންތިހާބެއް ކާމިޔާބު ކުރާނެ ކަމަށް ރައީސް އޮފީހުގެ ސްޕޯސްޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު ވަހީދުގެ ސަރުކާރަށް 100 ދުވަސް ފުރުމާ ގުޅިގެން ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ 2013 ގެ ރިޔާސީ އިންތިހާބުގެ ކުރިން ވެސް އިންތިހާބެއް ބާއްވައިފިނަމަ އެއިންތިހާބެއް އިއްތިހާދުގެ ސަރުކާރުން ކާމިޔާބު ކުރާނެ ކަމަށެވެ.

"2013 ގެ ރިޔާސީ އިންތިހާބާ ހަމައަށް ދާއިރު ދޭތެރެ މެދުން އަންނަ ކޮންމެ އިންތިހާބެއް ވެސް އިއްތިހާދުގެ ސަރުކާރުން ކާމިޔާބު ކުރާނެ، އެކަން އަޅުގަނޑުމެން މިގެންދަނީ ދައްކަމުން،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ ގާޒީ ދިފާއީ ބާރުތައް ބޭނުންކޮށްގެން ގާނޫނާ ހިލާފަށް ހައްޔަރުކޮށް، ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކުރި މަސައްކަތްތައް ހުއްޓުވީމައި، އެމްޑީޕީގެ އެކްޓިވިސްޓުން ނުކުމެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގައި އުފެދިފައިވާ ބިރުވެރިކަން، މިސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ނައްތާލާފައިވާ ކަމަށެވެ. އަދި އެކަމަކީ ރާއްޖޭގެ ގާނޫނު އަސާސީއަށާއި ރާއްޖޭގެ ރައްޔިތުންނަށް ވެސް ލިބިގެން ދިޔަ ކުރިއެރުމެއްގެ ގޮތުގައި ތަރުޖަމާނު ސިފަކުރެއްވި އެވެ.

" ފާއިތުވި 100 ދުވަހަކީ ރާއްޖޭގެ ރައްޔިތުންނަށާއި ގާނޫނު އަސާސީއަށް މިސަރުކާރުން ހޯދައިދީފައިވާ ކުރިއެރުމެއް، މިއީ ހަމަ ހަގީގަތުގައި ވެސް 'ރަން 100' ދުވަސް،" އައްބާސް ވިދާޅުވި އެވެ.

އެ ޕްރޮގްރާމްގައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި ރީކޯ މޫސާ މަނިކު ދެއްކެވި ވާހަކަފުޅުގައި ރައީސް ވަހީދުގެ ސަރުކާރުން ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ކުރަމުން ގެންދާ ކަންތައްތަކާ މިސަރުކާރުން އިގުތިސާދީ ގޮތުން ހޯދާފައިވާ ކަމަށް ބުނާ ކުރިއެރުންތަކަށް މޫސަ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ރައީސް ވަހީދުގެ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ގައުމުގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.

މޫސަ އަދި ވިދާޅުވީ އެމްޑީޕީން ވަރަށް އަވަހަށް ވަހީދުގެ ސަރުކާރު ވައްޓާލައި ރިޔާސީ އިންތިހާބެއް ބާއްވާނެ ކަމަށާއި ރައްތުންނަށް ފައިދާވާނީ ވެސް އޭރުން ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިސަރުކާރު ވަރަށް އަވަހަށް ވައްޓާލާނަން، ދިވެހި ރައްޔިތުންނަށް ފައިދާވާން އޮތީ ވެސް މިސަރުކާރު ވައްޓާލެވިގެން، އެއެކަން ވަރަށް އަވަހަށް އަޅުގަނޑުމެން ކުރާނަން،" ރީކޯ މޫސަ ވިދާޅުވި އެވެ.