ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ކުރިއަށްނުދާތީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް, ދަ ޑިމޮކްރެޓްސްގެ ވަކިވަކި މެންބަރުންނަށް ތަދައްޚުލް ނުވެވޭނެ ކަމަށް އަންގައިފިއެވެ.

ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް "ސަން"އަށް ވިދާޅުވީ، އެ މައްސަލައިގައި ތަދައްޚުލް ވާން އެދުމުން ސުޕްރީމް ކޯޓުން ދިން ޖަވާބުގައި، ތަދައްޚުލް ނުވެވޭނެ ކަމަށް ޖަވާބު ދީފައިވާ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން އިންޑިވިޖުއަލް މެންބަރުންގެ ގޮތުގައި ހުށަހެޅީމަހެން،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގައި ތަދައްޚުލް ވާން ފުރަތަމަ އެދިފައި ވަނީ ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ތެރެއިން، ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ނުހިމެނޭ ގޮތަށް މާލޭގައި ތިއްބެވި މެންބަރުން ކަމަށެވެ. ނަމަވެސް ކޯޓުން އެ ހުށަހެޅުން ބަލައިނުގަތުމުން މިހާރު ނިންމާފައި ވަނީ މުޅި ޕާޓީގެ ފަރާތުން ތަދައްޚުލްވާން ހުށަހަޅަން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕާޓީއަށް އަޅުގަނޑަށް ހީވަނީ ދޭނެހެން ފުރުސަތު،" އާޒިމް ވިދާޅުވިއެވެ.

އެ މައްސަލައަށް ތަދައްޚުލް ވުމަށް ޕީޕީއެމް، ޕީއެންސީން ވެސް ވަނީ ހުށަހަޅާފައެވެ.

ނަޝީދުގެ އިތުބާރު މައްސަލަ މިދިޔަ ހަފުތާގެ ހަތަރު ދުވަހާއި މިއަދަދަށް ވެސް ތާވަލު ކުރި ނަމަވެސް ޖަލްސާ ބޭއްވޭ ގޮތެއް ނުވެއެވެ. ޖަލްސާއްތައް ނުބާއްވަނީ، އީވާ ސަލާން ވިދާޅުވާތީއެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތުގައި އިންނަން ވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތުގައި ދެން އަމަލު ކުރާނެ ގޮތެއް ގަވާއިދަކު ނެތެވެ.

އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެ ނިންމުން ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ ޚިލާފު ކަމަށް ބުނެއެވެ. އެ މައްސަލަ ތާވަލުކޮށްފައި ވަނީ މާދަމާ 10:00 އާއި 12:00 އާ ދެމެދުގެ ވަގުތަކަށެވެ.