05 Nov 2023, 17:15
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުވާލި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލި މީހުންނަށް ލިބުނު ޕޮއިންޓާ އެކު ދާއިމީ ލިސްޓު އިއްޔެ އާންމު ކުރުމުން މުޅި ސޯޝަލް މީޑިއާ ފުރުނީ ޝަކުވާއާއި ނާއިންސާފުގެ ވާހަކަތަކުންނެވެ.
މީގެ ކުރިން ބިންވެރިޔާއާއި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓުދީފައި ދީފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ނިންމެވީ ޝަރުތު ހަމަވާ އެންމެންނަށް ގޯއްޗާއި ފްލެޓު ދިނުމަށެވެ. އެއާ އެކު ރައްޔިތުންގެ ހިތްތައް އުފަލުން ފޮޅި މާޔޫސްވެފައި ތިބި އެތައް ބަޔަކަށް އުންމީދު ލިބުނެއެވެ.
ނަމަވެސް، މި ފަހަރު ކަންތައް ވެގެންދިޔައީ އެއާ މުޅިން އިދިކޮޅަށެވެ. އިއްޔެ އާންމުކުރި ފްލެޓް ލިސްޓާ އެކު މާލޭގައި ދިރިއުޅޭތާ އެތައް ދުވަހެއްވެފައި ތިބި އެތައް ބައެއްގެ އުންމީދުތައް އެކީ މިލާ މޯޅިވިއެވެ. އެތައް ބަޔަކަށް ހިތްދަތިކަން ގެނުވިއެވެ. އެންމެން ތަހަންމަލްކުރަމުންދާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވާން އުޅޭކަމުގެ ހުވަފެން ދެއްކުމަށް ފަހު މި ފަހަރު ރައްޔިތުން މާޔޫސްކޮށްލިއެވެ.
މި މާޔޫސްކަމުގައި މިއަދު ގިނަ ބަޔަކު މިއަދު ވަނީ ޕްލޭނިންގް މިނިސްޓްރީ ދޮށަށް އެއްވެ އެ މީހުންގެ ޚިޔާލު ފާޅުކޮށްފައެވެ. ފްލެޓް ދޭން ޕޮއިންޓު ދީފައިވާ ގޮތް ހާމަކުރުމަށް އެ މީހުން ހަރުއަޑުން ގޮވަމުން ދިޔައީ ހިތްދަތިކަމާ އެކުއެވެ. މިފަދައިން ސަރުކާރުގެ ވުޒާރަތަކަށް އެއްވެ ހަޅޭއްލެވުމަކީ އެންމެން ކުރާހިތްވާ ވެސް ކަމެއް ނޫނެވެ. ނަމަވެސް، ރައްޔިތުން ބުނަނީ މިއަދު މިވަނީ އެފަދައިން ކަންތައް ކުރަން މަޖުބޫރުވެފައި ކަމަށެވެ.

އެ އިހުތިޖާޖުގައި ބައިވެރިވި އެއްބަނޑުއެއްބަފައި ދެމައިން "ސަން"އާ ވާހަކަ ދައްކަމުން ބުނީ، ފްލެޓަށް ޕޮއިންޓު ދީފައި ވާގޮތް އެނގެން ބޭނުންވާ ކަމަށެވެ. ވިހޭއްސުރެ އުމުރުން 39 އަހަރު ވަންދެން މާލޭގައި ދިރިއުޅުނުއިރު ފްލެޓް ނުލިބޭންވީ ސަބަބެއް ނޭންގޭ ކަމަށް އޭނާ ބުންޏެވެ.
"ކޮންމެ ފަހަރަކު ހަމަ ފްލެޓަށް ލަމުން މި އަންނަނީ. އަޅުގަނޑުމެންނަށް ހަމަ އެއްވެސް ފަހަރަކު އަދި ލައްވާލާ ގޮތެއް ނުވޭ. ކުރިމަތީގައި އެބަ ލިބޭ އަޅުގަނޑުމެންނަށް ވުރެ ފަހުން މާލެ އައި މީހުންނަށް. މި ދަންނަވަނީ އަޅުގަނޑުމެން ރަށު އަޅުގަނޑުމެން ދަންނަ މީހުންގެ ވާހަކަ،" އޭނަ ބުންޏެވެ.
އޭނާ ބުނީ، ފްލެޓު ދީފައިވަނީ ގަވާއިދާ އެއްގޮތަކަށް ނޫންކަމަށެވެ. އަދި މި ވާހަކަ މިހެން މި ދައްކަނީ މީހެއްގެ ބޮލުގައި އިލްޒާމެއް އަޅުވަން ނޫންކަމަށާއި އެ ވާހަކަ ދައްކަނީ އެނގިހުރެ ކަމަށް އޭނަ ވިދާޅުވިއެވެ.
އުތުރުގެ ރަށަކަށް ނިސްބަތްވާ އެ ދެމައިން ބުނީ، އެ މީހުންގެ މައިންބަފައިން މާލެ ބަދަލުވީ 1978ވަނަ އަހަރު ކަމަށެވެ. އާއިލާއިން މިހާރު ވަނީ ދަފުތަރުގައި ޖެހިފައިކަން ފާހަގަކޮށް އޭނާ ބުނީ، ދަފުތަރުގައި ޖެހުނީ ވެސް ފްލެޓް ހޯދަން ފަސޭހަވާނެ ކަމަށް ބުނުމުން ކަމަށެވެ.
"އަޅުގަނޑުމެން އަސްލު ބޭނުމެއްނުވޭ ދަފުތަރުގައި ޖެހޭކަށް ވެސް. އެކަމަކު އަމިއްލަ ރަށުން ބޭރުވެ ދަފުތަރުގައި ޖެހިފައި މި ހުރީ ވެސް، މިދެންނެވިހެން ފްލެޓް ލިބެން ފަސޭހަ ވާނެއޭ ބުނުމުން. އެއިރެއްގަ ހުރި ވެރިއަކު ބުނި ގޮތަކަށް އަމަލުކުރަމުން މި ދަނީ،" މޮޅިވެރިކަމާ އެކު އޭނާ ހިއްސާކުރިއެވެ.
"މައިންބަފައިން ބޭނުމެއްނުވާނެ މިތަންތަނަށް އަޅުގަނޑުމެން އައިސް އަޑުއުފުލާ ހަދާކަށް. އެއީ އަޅުގަނޑުމެން އުޅެފައި ހުރި ގޮތެއް ނޫން. އެކަމަކު މިއަދު މި ވަނީ މަޖިބޫރުވެފައި މިތަނަށް އަންނަން. އަޅުގަނޑުމެން އުރައިގެން ބޮޑެތިކޮށްފައި ތިބި ކުދިންނަށް މިއަދު ފްލެޓު ލިބިގެންދާއިރު އަސްލު އަސަރުކުރޭ ހިތަށް،" އޭނާ ބުންޏެވެ.
ދިރިއުޅުމުގެ ހާލަތު ހިއްސާކުރަމުން އޭނަ ބުނީ، މިހާރު ވެސް ދިރިއުޅެނީ އަގުބޮޑުކޮށް ތަންތަން ހިފައިގެން ކަމަށެވެ. އަދި ޚަރަދުތައް ދެކޮޅު ނުޖެހޭ ކަމަށް އޭނާ ބުންޏެވެ. ދެ ދަރިންނާއި މާމަ ދަރިން އެއް ގެއެއްގައި އުޅޭ އިރު ފާހާނާ ހުންނަނީ އެންމެ ކޮޓަރިއެއްގައެވެ. އަނެއް ފާހާނާއަކީ އެންމެން އެއްކޮށް ބޭނުންކުރާ ފާހާނާއެކެވެ.
"މި ކަހަލަ އަސާސީ ހަގެއް ހޯދަން ވުޒާރާއެއް ދަށަށް އެއްވެ މިހާ ހަޑިކޮށް އުޅެން ޖެހުމަކީ އަސްލު ވަރަށް ދެރަ ކަމެއް،" އޭނާ ބުންޏެވެ.
މިއީ މިއަދުގެ އިހުތިޖާޖުގައި ބައިވެރިވި އެންމެ މީހެއްގެ ވާހަކައެވެ. އިހުތިޖާޖު ކުރި އެންމެންގެ ވެސް ހާލަކީ މިއީއެވެ. ނުވަތަ މިއަށްވުރެ ވެސް ދެރައެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަނީ މާޔޫސްކަމެވެ. ބޭނުންވަނީ އިންސާފެވެ.