ރައީސް މުހައްމަދު ނަޝީދު ބ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފެޅެއްގައި މިއަދު ހެދުނު ފުރާ ވަޑައިގެންފި އެވެ.

އެމްޑީޕީގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ގޮއިދޫ އަށެވެ. އަދި އެރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހު މިއަދު ހަވީރު ވަޑައިގަންނަވާނީ ހިތާދޫށެވެ. އަދި ހިތާދޫ އަށް ވަޑައިގެން އެރަށުގައި އެމްޑީޕީގެ ހަރުގެ ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެއިތުރުން މިރޭ އެރަށުގައި ބާއްވާ އެމްޑީޕީގެ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނަވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ހިތާދޫގައި މިރޭ މަޑުކުރެއްވުމަށްފަހު ރައީސް ނަޝީދު މާދަމާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އެ އަތޮޅު ފުޅަދޫ އަށާއި ފެހެންދޫއަށެވެ. އަދި އެއަށްފަހު ފެހެންދޫއިން ތުޅާދޫއަށް ވަޑައިގެން އެރަށުގައި އެމްޑީޕީގެ މެންބަރުން ބާއްވާ މުޒާހަރާއެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނަވާނެ އެވެ. އަދި މާދަމާ ރޭ ތުޅާދޫގައި ވެސް އެމްޑީޕީގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ނަޝީދު ބ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި ފެބްރުއަރީ 7 ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ވެއްޓިގެން ދިޔަ ގޮތުގެ މައުލޫމާތު އެރަށްރަށުގެ ރައްޔިތުންނާއި ހިއްސާކުރައްވާނެ އެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޕޭންގެ ހަރަކާތްތައް ވެސް ކުރިއަށް މިދަތުރުފުޅުގައި ކުރިއަށް ގެންދާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މިދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ނަޝީދު މާލެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އާދިތަ ދުވަހު އެވެ.