05 Nov 2023, 13:17
ގުދުރަތީ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިފައިވާ ކ. ރަސްފަރީ ފަރަށް ލިބުނު ގެއްލުންތައް އިއާދަކުރުމަށް ހިންގާ މުރަކަ އިންދުމުގެ ޕްރޮގުރާމު އިއްޔެ ފަށައިފިއެވެ.
މި މަސައްކަތް ހަތް އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާއިރު މި ޕްރޮޖެކްޓުގެ ދަށުން އެ ސަރަހައްދުގައި މުރަކަ އާލާކޮށް އިންދާ، މުރަކަތަށް މޮނީޓާ ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އީޕީއެއިން ބުންޏެވެ.
"ރީސްޓޯރް ރަސްފަރި"ގެ ނަމުގައި ހިންގާ މި ޕްރޮޖެކްޓުގެ މަސައްކަތް ފަައްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ އެވެ.
މި މަސައްކަތުގައި އިއީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމްއާއި މިކަމުގައި ބައިވެރިވާ ދިރާގާއި އެމްއެސީއެލްގެ އިތުރުން ލޭންޑްސްކޭޕިން ސޮލިއުޝަންސްގެ މުވައްޒަފުން ހަރަކާތްތެރިވިއެވެ.
މުރަކަ އިންދުމުގެ މަސައްކަތް ފެއްޓެވުމުގެ ކުރިން ޝައުނާ ވިދާޅުވީ މިއީ ރާއްޖޭގެ ފަރަކަށް ބޯޓެއް އަރައިގެން ލިބުނު ޖޫރިމަނާ ފައިސާ ހޭދަކޮށްގެން މަރާމާތު ކުރާ ފުރަތަމަ ފަހަރު ކަމަށެވެ.
"މީގެ ދެ އަހަރެއް ކުރިން ހިނގައިދިޔަ ހާދިސާއެއްގައި ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ 3.5 މިލިއަން ޑޮލަރު އަޅުގަނޑުމެން ހާއްސަކުރީ އީޕީއޭގެ ވަކި ޓްރަސްޓް ފަންޑަކަށް. އެ ޓްރަސްޓް ފަންޑުން މިގޮތަށް ފަރަށް ލިބޭ ގެއްލުން އިއާދަކުރުމުގެ މަސައްކަތް ކުރެވޭޭނެ،" އޭނާ ވިދާޅުވި އެވެ.
ރަސްފަރި ފަރަށް އެރި އުޅަނދުގެ ސަބަބުން 8876 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބުނު އިރު، އޭގެ ތެރެއިން 2882 އަކަމީޓަރުގެ ސަރަހައްދަކުން ދިރޭތަކެތި ވަނީ އެއްކޮށް ނެތިގޮސްފައި ކަމަށް އީޕީއޭއިން ބުންޏެވެ.
ރަސްފަރީ ފަރަކީ 1995އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރަކަށް ވާއިރު އެ ސަރަހައްދަކީ މާލެ އަތޮޅުގައި ޑައިވަރުންގެ މެދުގައި އެންމެ މަގުބޫލު އެއް ފަރެވެ. އަދި ގުދުރަތީ ރީތިކަމުން ފުރިފައިވާ ތަފާތު ދިރުންތައް އެ ފަރުގައި ދިރިއުޅެއެވެ.