ވިނަރެސް ފްލެޓްތަކުގެ ތެރެއިން ނުވިކި ހުރި ފްލެޓްތައް ގަތުމަށް މިއަދު ހެނދުނު ހުޅުވާލުމާއެކު ބައި ގަޑިއިރުތެރޭ ހުރިހާ ފްލެޓެއް އެއްކޮށް ވިކިއްޖެ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ މިއަދު ހެނދުނު 10:00 ގައި ފްލެޓުތައް ގަތުމަށް ހުޅުވާލި ކަމަށެވެ. އެއާއެކު ބައި ގަޑިއެއްހާއިރު ތެރޭ ހުރިހާ ފްލެޓެއް އެއްކޮށް ގަނެފި ކަމަށް އޭނާ ވިދާޅުވިއެވެ.

ވިނަރެސްއިން ފްލެޓް ގަންނަން ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 17ގައެވެ.

މިއަދު ހެނދުނު އެ ފުރުސަތު ހުޅުވާލީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ގެ ނިޔަލަށް ނުވިކި ހުރި ފްލެޓްތަކަށެވެ.

ވިނަރެސް ފުލެޓެއްގެ އެތެރެ، މި މަޝްރޫއުގައި ދެ ވައްތަރެއްގެ އެޕާޓްމަންޓްތައް ހިމެނޭ -- ސަންފޮޓޯ/ ނާއިލް ހުސައިން

ވިނަރެސް މަޝްރޫއުގެ ދަށުން އިމާރާތް ކުރި 10 ޓަވަރުގައި ޖުމްލަ 1،344 ޔުނިޓު ހިމެނެއެވެ. އެ މަޝްރޫއުގައި ފްލެޓު ދީފައިވަނީ މާލޭ ރައްޔިތުންގެ އިތުރުން، މާލޭގައި އުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށެވެ.

އާބަންކޯއިން މީގެ ކުރިން ބުނީ، އިންސްޓޯލްމަންޓް އުސޫލުން 20-25 އަހަރުން މި ފްލެޓުތަކަށް ފައިސާ ދެއްކޭނެ ކަމަށެވެ. އަދި ޕްރޮޖެކްޓް ނިންމައި ތަން ހަވާލުކުރުމާ ހަމައަށް އިންސްޓޯލްމަންޓަށް ބަހާލައިގެން ޑައުންޕޭމަންޓް ދެއްކޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބޭންކުން ލޯނު ނަގައިގެން ވެސް ގަނެވޭނެ 20-25 އަހަރާ ދެމެދު ފައިސާ ދެއްކޭނެއެވެ.