18 May 2012, 13:36
މޮސްކޯ (މޭ 18): ހުޅަނގުގެ ބާރުތަކުން ދެކޮޅު ބަލާނުލައި އަވަސް އަރައިގަނެގެން ޤައުމުތަކާ ދެކޮޅަށް ހިންގަމުންގެންދާ ހަރުކަށި ޢަމަލުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ އަމްނާއި ސުލްޙަ އަށް ނުރައްކާވަމުންދާ ކަމުގެ އިންޒާރު ރަޝިޔާ ދީފި އެވެ.
ދުނިޔޭގައި އިޤްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ޖީ-އަށެއްގެ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ޓަކައި އެމެރިކާގެ ކޭމްޕްޑޭވިޑަށް ފުރާވަޑައިގަތުމުގެކުރިން ދެއްވި ބަޔާނެއްގައި ރަޝިޔާގެ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު ޑިމިޓްރީ މިޑްވެޑޭވް ވިދާޅުވީ އެމެރިކާ އާއި ހުޅަނގުގެ ބާރުތައް ޢަސްކަރީގޮތުން ބައެއް ޤައުމުތަކަށް އަރައިގަތުމާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކާއި އެކަމުގެ ސަބަބުން ކުރިމަތިވަމުންދާ ސަރަޙައްދީ ހަމަނުޖެހުންތަކުގެ ނުރައްކާ ބައިނަލްއަޤްވާމީ ހަމަޖެހުމާއި ސުލްޙައަށް ކުރިމަތިވެފައިވާ ކަމުގަ އެވެ.
"ހުޅަނގުގެ ބާރުތައް ސިޔާސީ މަޤްސަދްތައް ޙާސިލްކުރުމަށްޓަކައި ބައެއް ޤައުމުތަކަށް ވަދެގަތުމުގެ ނަތީޖާއަކީ އެ ޤައުމުތަކުގެ ވެރިކަމަށް ހަރުކަށި ޚިޔާލުގެ މީހުން އައުން، އަނެއްބައި ޤައުމުތަކަށް މިގޮތަށް ވަދެގަތުމުގެ ނަތީޖާއަކީ އެޤައުމުތައް ދާއިމީ ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓި އެހަމަނުޖެހުންތައް ފުޅާވެ ސަރަޙައްދީ ހަނގުރާމަތަކަކަށް ބަދަލުވެ އެންމެފަހުން ނިއުކްލިޔާ ހަތިޔާރު ބޭނުންކުރާ ހިސާބަށް ވެސް ކަންތައްތައްދިޔުން" މިޑިވެޑޭވް ވިދާޅުވި އެވެ.
މިވާހަކަތަކުގައި މިޑްވެޑޭވް އިޝާރާތް ކުރެއްވީ ޢިރާޤު، އަފްޣާނިސްތާން އަދި ލީބިޔާ އަށް ހުޅަނގުގެ ބާރުތައް ޢަސްކަރީ ގޮތުން ވެދެގަތުމުގެ ސަބަބުން އެޤަައުމުތަކުގައި އުފެދިފައިވާ ދާއިމީ ހަމަނުޖެހުންތަކާއި ލޭއޮހޮރުވުުންތަކުގެ މައްޗަށް ކަމަށް މުރާސިލުން ބުނެއެވެ. ސޫރިޔާގެ މައްސަލަ ވެސް ސުލްޙަވެރިކަމާ އެކު ޙައްލުކުރުމަށް ކުރެވޭ މަސައްކަތަށް އެއްބާރުލުން ދިނުމުގެބަދަލުގައި އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ޢަސްކަރީ ތަމްރީނާއި މަދަދު ދެމުންގެެންދާ ކަމަށް ރަޝިޔާ ވަނީ ދާދިފަހުން ތުހުމަތުކޮށްފައެވެ. ނަމަވެސް ލީބިޔާ އަށް ޢަސްކަރީ ގޮތުން ވަދެގަތް ގޮތަށް ސޫރިޔާއަށް ވެދެގަތުމަށް ހުޅަނގުން ގެންގުޅުނުވިސްނުން ތަންފީޒުކުރެވޭގޮތްނުވީ އދ.ގެ ސަމާލަތީ މަޖިލީހުގައި ޗައިނާއާއި ރަޝިޔާ ހުޅަނގުގެ ޤަރާރުތަކާދެކޮޅަށް ވީޓޯކުރަންފެށުުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ޖީ-އަށެއްގެ ޤައުމުތަަކުގެ އިސްވެރިންގެ ސަމިޓްގައި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ބައިވެރިވެވަޑައިނުގަތީ ރަޝިޔާގެ ދާޚިލީކަންކަން ހަމައަކަށް އެޅުވުމަށްޓަކައި ޤައުމުގައި މަޑުކުރައްވަންޖެހިވަޑައިގަންނަވާތީ ކަމަށް ކްރެމްލިންއިން ބުނެއެވެ. (ރޮއިޓާސް)