ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުވާލި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލި މީހުންނަށް ލިބުނު ޕޮއިންޓާއެކު ދާއިމީ ލިސްޓު އިއްޔެ އާންމު ކުރުމުން، ޝަކުވާތަކާއެކު ރައްޔިތުން ޕްލޭނިން މިނިސްޓްރީގެ އޮފީހަށް ވަދެ އިހުތިޖާޖު ފަށައިފިއެވެ.

ގިނަ އަދަދެއްގެ ބަޔަކު މިނިސްޓްރީއަށް ވަދެ އިހުތިޖާޖު ކުރާއިރު، އެ މީހުން ރިސިޕްޝަންގައި އެދެނީ ޕޮއިންޓު ލިބުނު ގޮތް ސާފުކޮށްދިނުމަށެވެ. މިނިސްޓްރީގެ އިދާރާގައި ރައްޔިތުންނަށް ޖަވާބުދާރީވާން މިވަގުތު ހުރީ، މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. ނަމަވެސް، އޭނާއަށް ވެސް ރައްޔިތުންގެ ސުވާލުތަކަށް ހިތްހަމަޖެހޭ ޖަވާބެއް ނުދެވެއެވެ. ރައްޔިތުން ދަނީ ރުޅިގަދަވެ އަޑުގަދަ ކުރަމުންނެވެ.

ފްލެޓަށް ޕޮއިންޓު ދިން ގޮތް ނާއިންސާފު ކަމަށް ބުނެ ގިނަ ބަޔަކު އިއްޔެ ވެސް ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މާލޭގައި އުޅޭތާ މަދު ދުވަސްވީ މީހުންނަށް ގިނައިން ޕޮއިންޓު ދީފައި ހުރުމާއި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި އެ މީހުންގެ އާއިލާތަކަށް ޕްލެޓު ދިނުން ފަދަ ކަންކަން ފާހަގަ ކޮށްފައި ވެއެވެ.

ފްލެޓަށް އެދުނު މީހުންގެ އަދަދު 20،000އަށް ވުރެ ގިނައިރު، ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ޕޮއިންޓު ދިން ގޮތް މިހާރަށް ވުރެ ތަފުސީލުކޮށް ދިނުމަށް އެދެމުންނެވެ.

އެންމެ ފަހުން ޕްލޭނިން މިނިސްޓްރީން ބުނީ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށެވެ.