05 Nov 2023, 15:11
ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާއެކު އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލްގެ އެއް ވަނައަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަރައިފިއެވެ.
ސިޓީއަށް ތާވަލްގެ އެއްވަނައަށް އެރީ ލީގުގައި ރޭ ބޯންމޯތާއި ދެކޮޅަށް ކުޅުނު މެޗް ފަސޭހަ ކަމާއެކު ހަ ލަނޑު އެއް ލަނޑުން ކާމިޔާބުކޮށްގެންވެ.
މި މެޗްގައި ސިޓީގެ ތަރިއަކަށް ވެގެންދިޔައީ މިސީޒަންގައި އެ ޓިމާ ގުޅުނު ބެލްޖިއަމްގެ ޒުވާން ކުޅުންތެރިޔާ ޑޮކޫއެވެ. މި މެޗްގައި ޑޮކޫވަނީ އެ ޓީމްގެ ފުރަތަމަ ލަނޑު ޖަހާދިނިމުގެ އިތުރުން އިތުރު ހަތަރު ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ މި މެޗްގެ ކުރިން ވެސް ތައުރީފް ކުރަމުން އަންނަ ޑޮކޫ މި މެޗްގައި ދެއްކި ކުޅުމާއެކު ޕެޕްގެ ތައުރީފް އޭނާ ލިބެމުންދާ ސަބަބު ވަރަށް ރަނގަޅަށް ހާމަވެގެންދިޔައެވެ.
މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 30 ވަނަ މިނެޓްގައި ޖަހާ ސިޓީއަށް ލީޑު ނަގާދިނީ ޑޮކޫއެވެ. އަދި މިލަނޑު ޖެހިތާ ތިން މިނެޓްފަހުން ޑޮކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބެނާޑޯ ސިލްވާ ސިޓީގެ ލީޑު ފުޅާކޮށްދިނެވެ. އަދި މެޗްގެ 37 ވަނަ މިނެޓްގައި ސިޓީގެ ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެނުއަލް އަކާންޖީއެވެ. ލީގުގައި އަކާންޖީ ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ ޑޮކޫ ބޯންމޯތުގެ ގޯލަށް ފޮނުވާލި ހަމަލާއެއް އަކާންޖީ ގައިގާ ޖެހިފާ ވަން ގޯލެކެވެ. މި މެޗްގައި ސިޓީގެ ހަތަރު ވަނަ ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ޖަހައިދިނީ އަނެއްކާވެސް ޑޮކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުން ފިލް ފޯޑެންއެވެ.
މި މެޗްގައި ބޯންމޯތުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި އެ ޓީމަށް ޖަހާދިނީ ލުއިސް ސިނިސްޓޭރާއެވެ. މި މެޗްގައި ފަސް ވަނަ ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޑޮކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ސިލްވާއެވެ. އަދި ފަހު ލަނޑު އެ ޓީމަށް ޖަހައިދިނީ ނޭތަން އައިކާއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސިޓިގެ ކޯޗް ޕެޕް ވަނީ ޑޮކޫއަށް އަނެއްކާވެސް ވަރަށް ބޮޑަށް ތައުރީފް ކޮށް ވާހަކަ ދައްކާފައެވެ. އަދި މި މެޗްގައި ސިލްވާ ކާމިޔާބުކޮށްދިން ފަސް ވަނަ ލަނޑު ޖެހުމަށް ޑޮކޫ ދިން ޕާސް ޕެޕް ވަނީ ލިއޮނެލް މެސީ ދޭ ކަހަލަ ޕާހެއްގެ ގޮތުގައި ސިފަކޮށްފައެވެ. ޕެޕްއަކީ އާންމުކޮށް މެސީ އާއި އެހެން ކުޅުންތެރިންނާ އަޅާކިޔާ ކޯޗަކަށް ނުވާތީ މިއީވެސް ޑޮކޫއަށް ލިބިގެންދިޔަ އިތުރު ތައުރީފެކެވެ.
މި ކާމިޔާބީއާއެކު ސިޓީއިން މިހާރު މިވަނީ ކުޅުނު 11 މެޗުން ލިބިފައިވާ 27 ޕޮއިންޓާއެކު މިވަގުތަށް ޕޮއިންޓް ތާވަލްގެ އެއްވަނައަށްއަރާފައެވެ. ނަމަވެސް މި ވަގުތު ދެވަނައިގާ އޮތް ޓޮޓްނަމް ހޮޓްސްޕާ އާއި ޗެލްސީ ބައްދަލުކުރާ މެޗް އެ ޓީމް ކާމިޔާބުކޮށްފި ނަމަ އަނެއްކާވެސް ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު ސްޕާސްއަށް ލިބިގެންދާނެއެެވެ. މި މެޗުން ބަލިވުމުން ބޯންމޯތު މިހާރު އުޅެނީ ހަ ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.