05 Nov 2023, 12:19
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލަ ފަސްވަނަ ފަހަރަށް މިއަދު އެޖެންޑާކުރުމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރިޔާސަތާ ހަވާލުވުމަށް އުޒުރުވެރިވެވަޑައިގަތުމުން، ސުޕްރީމް ކޯޓުގައި އޮތް އެކަމާ ގުޅުންހުރި މައްސަލަ ނިމެންދެން ނަޝީދުގެ އިތުބާރުގެ މައްސަލަ ދެން އެޖެންޑާ ނުކުރާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތުގައި އިންނަން ވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތުގައި ދެން އަމަލު ކުރާނެ ގޮތެއް ގަވާއިދަކު ނެތެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު 'ސަން' އަށް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައި އެ މައްސަލަ ބެއްލެވޭނީ ނައިބު ރައީސަށް ކަމަށް އޮތްއިރު، މަޖިލީހުގެ ނައިބުރައީސް އެ މައްސަލަ ބެއްލެވުމަށް އުޒުރުވެރިވެވަޑައިގަންނަވާތީ އިތުރަށް އެޖެންޑާ ނުކުރުމަށް ނިންމީ ކަމަށެވެ.
މިއަދުގެ ޖަލްސާއަށް ވެސް އީވާ ވަނީ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ވިދާޅުވެފައެވެ. އަދި އީވާ މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ބޭބޭފުޅު، ނަޝީދު ވަކިކުރުމުގެ މައްސަލައާ ގުޅޭ ކަންކަމާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނުނިންމަނީސް އެ މައްސަލައިގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރި ވާކަމަށެވެ.
މިކަމާ ގުޅިގެން ނަޝީދުގެ އިތުބާރު ނެތް މައްސަލައާއި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށާއި، އެމްޑީޕީން ހުށަހެޅި މައްސަލަ ކޯޓުގައި އޮތް ނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ނައިބު ރައީސް އީވާއަށް ކުރިއަށް ގެންދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އީވާއަށް އަންގާފައެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް
ނަމަވެސް މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އީވާ ސަލާމް ފޮނުއްވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
މި މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން އާލާސްކަންފުޅުގެ ސަބަބުން އީވާވަނީ މަޖިލީހަށް ސަލާމް ފޮނުއްވާފައެވެ. އެހެންކަމުން މި މައްސަލަ ކުރިއަށް ނުގެންދެވި މަޖިލިސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ވަނީ މާދަމާ ހެނދުނު 10:00 އާ 12:00 އާ ދެމެދަށް ތާވަލުކޮށްފައެވެ.