05 Nov 2023, 13:33
ދެކުނު އެމެރިކާގެ ފުޓްބޯޅަ ކްލަބްތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ކޮޕާ ލިބަޓަޑޯރެސް ބްރެޒިލްގެ ފުލުމިނެންސޭ ކާމިޔާބުކޮށްފިއެވެ.
މި މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް ފުލުމިނެންސޭއިން އުފުލާލައިފާ މި ވަނީ ފައިނަލްގައި އާޖެންޓީނާގެ ބޮކާ ޖޫނިއާސް އާ ބައްދަލުކޮށް ދެ ލަނޑު އެއް ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.
ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގެ މަރަކާނާ ސްޓޭޑިއަމްގައި ކުޅުނު މި ފައިނަލް މެޗްގައި ގިނައިރު ފުލުމިނެންސޭއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ބޮކާ ޖޫނިއާސްއެވެ. މި ފަހަރުގެ ފައިނަލް މެޗް ފުލުމިނެންސޭގެ ދަނޑުގައި ކުޅުނު ނަމަވެސް ބޮކާ ޖޫނިއާސްގެ ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން މި މެޗަށް ބްރެޒިލްއަށް ދަތުރުކޮށްފައިވެއެވެ.
މި މެޗްގެ ފެށުން އެހާ ފޯރި ގަދަ ވެގެން ނުދިޔަ ނަމަވެސް ފުރަތަމަ ހާފްގެ މެދުތެރޭ ފުލުމިނެންސޭއިން މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރުމާއެކު މެޗަށް ދިރުން އައިސް މެޗްގެ ފޯރި ގަދަވެގެންދިޔައެވެ. މި ލަނޑު މެޗްގެ 36 ވަނަ މިނެޓްގައި ފުލުމިނެންސޭއަށް ކާމިޔާބު ކޮށްދިނީ ތަޖްރިބާކާރު ފޯވަޑް ޖާމަން ކާނޯއެވެ.
މި މެޗްގައި ބޮކާއިން މެޗްގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު މެޗްގެ 72 ވަނަ މިނެޓްގައި ވަރަށް ދުރުން ޖަހާ ކާމިޔާބުކޮށްދިނީ ލުއިސް އަޑްވިންކޫލާއެވެ. މި ލަނޑާއެކު މެޗްގެ ފަހު 15 މިނެޓްގެ ފޯރި އިތުރަށް ގަދަ ވެގެން ދިޔަ ނަމަވެސް ފުރިހަމަ ވަގުތު ހަމަވިއިރު އިތުރު ލަނޑެއް ނުފެނުމުން އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހުނެވެ.
މި މެޗުން ފުލުމިނެންސޭ މޮޅުވި ލަނޑު މެޗްގެ 99 ވަނަ މިނެޓްގައި ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ ޖޯން ކެނެޑީއެވެ. މި ލަނޑާއެކު ސަޕޯޓަރުންނާއި އެކު އުފާފާޅުކުރުމުގެ ސަބަބުން ކެނެޑީއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
މިއާއެކު އިތުރު ވަގުތުގެ ބާކީ އޮތްބައި އެ ޓީމުން އެއް ކުޅުންތެރިއެއް މަދުން ކުޅުނު ނަމަވެސް އެކަމުގެ ފައިދާ ބޮކާއަށް އެންމެ ފުރިހަމަ ގޮތުގައި ނެގޭގޮތެއް ނުވިއެވެ. އަދި މެޗް ނިމެން ގާތްވަމުން ދިޔަވަރަކަށް މެޗް ހޫނުވެ ހިނގަ ހަމަނުޖެހުމެއްގައި ބޮކާ ޖޫނިއާސްގެ ފްރޭންކް ފަބްރާ އިދިކޮޅު ކުޅުންތެރިއެއްގެ ގަޔަށް އަތް އިސް ކުރުމާއެކު އޭނާއަށްވެސް ވަނީ ރަތްކާޑު ދައްކާފައެވެ. މިއާއެކު މި މެޗް ދެޓީމުންވެސް ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ.
މިއީ ފުލުމިނެންސޭގެ ތާރީހްގައި އެ ޓީމަށް ކޮޕާ ލިބަޓަޑޯރެސް ތަށި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މިއީ މި މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައިވާ ބޮކާ ޖޫނިއާސް ކޮޕާ ލިބަޓަޑޯރެސް މުބާާރާތުގެ ފައިނަލުން ޖެހިޖެހިގެން ބަލިވި ތިންވަނަ ފަހަރެވެ.