މިއަދުވެސް، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓު އޮފީހުން ބުނެފިއެވެ.

މެޓު އޮފީހުން ބުނީ، އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށް ތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ދެކުނުގެ ބައެއް ރަށް ތަކަށް ވެސް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓު އޮފީހުން ބުނެއެވެ.

ދެކުނުގެ ރަށް ތަކަށް އިރާއި އިރު ދެކުނުން ގަޑިއަކު، 13 މޭލާއި، 23 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ. އަދި އެހެން ހިސާބުތަކަށް ވައި ޖެހޭނީ ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށްވާއިރު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

ކަނޑުތަކަށް ބަލާލާއިރު އެ އޮފީހުން ބުނީ ދެކުނުގެ އަތޮޅު ތަކަށް ކަނޑު ގަދަވާނެ ކަމަށެވެ. އެހެން ނަމަވެސް އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ކަނޑު މަޑުވިނަމަވެސް ވިލާގަނޑު ގަދަވާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

އެގޮތުން އުތުރާއި މެދު ރާއްޖެ ތެރޭގައި، ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގެ އުސްމިނެއްގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް މެޓު އޮފީހުން ލަފާ ކުރާއިރު، ދެކުނުގެ ރަށް ތަކަށް ރާޅުގެ އުސްމިން ހަތް ފޫޓާއި ތިން ފޫޓާއި ދެމެދުގެ އުސްމިނެއްގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށް އެ އޮފީހުން ބުނެއެވެ.

މެޓު އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެން ވާތީ، އެންމެން ވެސް ސަމާލުވެ ތިބުމަށް އިލްތިމާސް ކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު ވެސް ބޯކޮށް ވާރޭ ވެހުމާ ގުޅިގެން މާލޭގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. މެޓު އޮފީހުން ބުނާ ގޮތުގައި މާލެ އަށް އެ ދުވަހު ކުރި ވިއްސާރައިގައި، 57 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މިދިޔަ ހުކުރު ދުވަހު މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން ފެން ހިއްކުމުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފުންނެވެ.