ސައުދީ ސަރުކާރުގެ އެހީގައި ރާއްޖޭގައި ވަރަށް އަވަހަށް މިސްކިތްތަކެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ލަންކާ އަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ އަރަބިޔާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅާ ހަވާލާ ދެއްވައި ރޭ ޝަހީމް ވިދާޅުވީ ސައުދީ އެރެބިއާގެ އެހީގައި މިސްކިތްތަކެއް ރާއްޖެގައި އެޅުމުގެ އެމްޔޫއެއްގައި ވަރަށް އަވަހަށް ސޮއިކުރައްވާނެ ކަމަށެވެ.

"ރާއްޖެ އަށް ވަރަށް އަވަހަށް ސައުދީ ސަރުކާރުގެ އެހީގައި މިސްކިތްތަކެއް އެޅުމުގެ އެމްޔޫއޯއެއްގައި ރާއްޖެއާއި ސައުދީ އަރަބިއާ ދެމެދު ސޮއިކުރެވޭނެ. ސައުދީ ސަރުކާރުން މިހާރުގެ އިސްލާމިކު މިނިސްޓްރީ އަށް ދެއްވަން އޮތް އެންމެ މަތީދަރަޖައެއްގެ އެހީތެރިކަން ދެއްވާނެ ކަމަށް ސައުދީ ސަފީރު ޔަގީން ކަން ދެއްވި،" ޝަހީމް ލަންކާގައި ހުންނަވާފައި ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ސައުދީ ސަފީރާ އެކު ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ހައްޖުގެ އަޅުކަން ކުރުމަށް ރާއްޖެ އިން ދާމީހުންގެ އަދަދު އިތުރުކުރުމާ މެދު މަޝްވަރާކުރުމުގެ އިތުރުން ، އިސްލާމިކު މިނިސްޓްރީން އިއުލާންކޮށްފައިވާ 500 ހާފިޒުން އުފެއްދުމުގެ މަސައްކަތަށް މާލީ އެހީތެރިކަން ސައުދީ ސަރުކާރުން ފޯރުކޮށްދެއްވުމުގެ މަޝްވަރާ އާއި މައްކާގެ ހަރަމް ފުޅުގެ އިމާމު ޑރ. ސުދައިސް ރާއްޖެ ވަޑައިގަތުމުގެ ގޮތުން ސަފީރާ މަޝްވަރާކުރެވުނު ކަމަށެވެ.

ޝަހީމް ވިދާޅުވީ ސައުދީ ސަފީރުގެ އިތުރުން ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ސަފީރާއި މިސުރުގެ ސަފީރާ ވެސް ބައްދަލު ކުރެއްވި ކަމަށާއި މިސްރުގެ ސަފީރާއި މަޝްވަރާ ކުރެވުނީ ލީބިޔާގައި ކިޔަވަން ތިބެ އެތަނުގެ ސިޔާސީ މަޝްރަހު ގޯސްވުމުގެ ސަބަބުން އެނބުރި ރާއްޖެ އައި ދެ ދަރިވަރަކަށް އަޒުހަރު ޔުނިވާސީޓީން ކިޔެވުމުގެ ފުރުސަތު ހޯދައި ދިނުމުގެ އިތުރުން އަޒުހަރުގެ އިސްލާމިކު ރިސާޗް އެކަޑަމީގެ އިލްމުވެރިން އަންނަ ރޯދަ މަހު ރާއްޖެ ގެނައުމާ ގުޅޭ ގޮތުން ކަމަށެވެ.

"މީގެ އިތުރުން ވެސް ކުއްލިއްޔާގެ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ވެސް މިސްރުގެ ސަފީރާއި މަޝްވަރާ ކުރެވުނު،" ޝަހީމް ވިދާޅުވި އެވެ.

މާދަމަގެ ވަގުތެއްގައި ގަތަރުގެ ސަފީރާ މަޝްވަރާކުރައްވަނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.