05 Nov 2023, 09:16
ތަފާތު އެކި ކަހަލަ އިޖުތިމާއީ މައްސަލަތަކުގެ ވާހަކަ ކިޔައިދޭ އިލްޔާސް ވަހީދު (އިއްލެ)ގެ ކޮމެޑީ ފިލްމު "ފްރީ ޑެލިވަރީ" ޕްރިމިއާ ކޮށްފިއެވެ.
އޮލިމްޕަހުގައި ރޭގައި ފިލްމު ޕްރިމިއާ ކޮށްފައިވަނީ ރެޑް ކާޕެޓް އިވެންޓަކާ އެކުގައެވެ. މި އިވެންޓަށް ފަހު ފިލްމު ދައްކަން ފަށާފައިވަނީ 2100 ގައެވެ.
ފްރީ ޑެލިވަރީ އަކީ އިއްލެގެ ފުރަތަމަ ކޮމެޑީ ފިލްމެވެ. މިއީ ކަޒްމިކް އިންޓަނޭޝަނަލް ޕްރޮޑަކްޝަނާއެކު ތައްޔާރުު ކޮށްފައިވާ ފިލްމެކެވެ. ފްރީ ޑެލިވަރީ އަކީ ކަޒްމިކް އިންޓަނޭޝަނަލްގެ ފުރަތަމަ ފިލްމެވެ.
އިއްލެ އަކީ ދިވެހި ފިލްމު އިންޑަސްޓްރީއަށް އާ ޑައިރެކްޓަކަށް ވެފައި މީގެ ކުރީން ނެރުނު ފިލްމަކީ އިޖުތިމާއީ ބައެއް މައްސަލަތަކަށް އަލިއަޅުވާލާ ފިލްމެވެ. އެގޮތުން އިއްލެގެ ދެ ފިލްމު މީގެ ކުރީން ނެރެފައިވާއިރު ދެ ފިލްމަށް ވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ
މިފަހަރު އިއްލެ ލިޔެ ޑައިރެކްޓު ކުރަނީ އޭނާއަށް ތަފާތު އުފެއްދުމެކެވެ. މިއީ އިއްލެ ލިޔެ އަދި ޑައިރެކްޓް ކުރާ ފުރަތަމަ ކޮމެޑީ ފިލްމެވެ.
ފިލްމުގެ ލީޑު ކާސްޓުން ފެންނާނީ އައިޝާ އަލީ އާއި ރައުފަތު ސޯދިގުގެ އިތުރުން ތާތި އާދަމް އެވެ. މި ފިލްމުގެ ކާސްޓު ބޮޑުއިރު އިތުރު ރޯލުތަކުން ފެނިގެންދާނީ އަހްމަދު ޝާރިފާއި ވާޝިޔާ މުހައްމަދުގެ އިތުރުން ހާފިޒް މުހައްމަދާއި ފާޒިލް ފަޔާޒް އާއި ފާތިމަތު ލަތީފާ އަދި މަރިޔަމް ވަހީދާއެވެ.
މި ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައިވަނީ އާސިމް އަލީ އާއި އާމިރު އަލީ އަދި އިއްލެ އެވެ. އޮލިމްޕަހުގައި ފިލްމު އަޅުވާއިރު ފިލްމު ދައްކަން ފަށާނީ އަންނަ މަހުގެ ހަތަރަކުން ފެށިގެންނެވެ.