05 Nov 2023, 08:59
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު 58 އަހަރު ފުރުނު ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ އުފަންދުވަސް ފާހަގަ ކުރަން އެކްޓަރުގެ ގެ މަންނަތު ކައިރިއަށް އެއްވި ގިނަ ބައެއްގެ އަތުން ބަޔަކު މީހުން ވައްކަން ކޮށްފިއެވެ.
މަންނަތުގެ ބޭރުގައި ގިނަ ޢަދަދެއްގެ ސަޕޯޓަރުން އެއްވެ ޝާހުގެ އުފަންދުވަސް ފާހަގަ ކުރަމުން ދިޔައިރު އެކަމުގެ ނާޖާއިޒު ފައިދާ ނަގާ އެއްވެ ތިބި މީހުންގެ ތެރެއިން 30 މީހުންގެ އަގުބޮޑު މޮބައިލް ފޯން ބަޔަކު މީހުން ވަނީ ވަގަށް ނަގާފައެވެ.

ޝާހްރުކް ޚާން އެކްޓަރުގެ ސަޕޯޓަރުންނާ އެކު
މުމްބާއީގެ ފުލުހުންނަށް މި މައްސަލަ މިހާރު ހުށަހަޅާފައިވާ ކަމަށާއި މި ޙާދިސާ ހިނގި ސަރަޙައްދުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާތަކުގެ އެހީގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ގެއްލުނު ފޯންތަކުގެ ތެރެއިން ނުވަ މީހެއްގެ މޮބައިލް ފޯނު ހޯދިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ބަންދްރާ ފުލުހުންނަށް އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ އިންޑިއާގެ ޤައުމީ ނޫހަކަށް ނިސްބަތްވާ 23 އަހަރުގެ ފޮޓޯގްރާފަރެއް ކަމަށާއި އޭނާގެ ފޯނު ޖީބުގައި ނެތްކަން އެނގުނީ އެ ރޭ ދަންވަރު 12:30ގައި ކަމަށް ވަނީ ބުނެފައެވެ. އިތުރަށް ބެލުމުން އެތަނަށް އެއްވެ ތިބި އެހެން ބައެއްގެ ފޯނުތައް ވެސް ގެއްލި އެ ވައްކަމުގެ ޝިކާރައަކަށް ވެފައިވާކަމަށް މި ފޮޓޯގްރާފަރު ވަނީ ފުލުހުންނަށް މަޢުލޫމާތު ދީފައެވެ.

ޝާހްރުކް ޚާން ދިރިއުޅޭ ގެ މަންނަތު ދޮށަށް އެއްވެތިބި ސަޕޯޓަރުންނާ ސަލާމް ކުރަނީ
އިންޑިއާގެ އެންމެ މަގުބޫލު އެކްޓަރުންގެތެރޭ ހިމެނޭ ކިންގް ޚާންގެ އުފަންދުވަސް ފާހަގަ ކުރުމަށް ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ ބަޔަކު "ޕަތާން"ގެ އެކްޓަރު ދިރިއުޅޭ ގެ މަންނަތު ކައިރިއަށް އެއްވެއެވެ.
ސަޕޯޓަރުންގެ ތެރެއިން ގިނަ ބައެއްގެ އަގުބޮޑު ފޯނު ގެއްލުމުގެ ހާދިސާ ހިނގާފައި މިވަނީ އެއްވެ ތިބި ގިނަ ޢަދަދެއްގެ މީހުން މެނޭޖްކުރުމަށާއި ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް ސަލާމަތީ ގޮތުން ބޮޑެތި ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށެވެ.
ޝާހްރުކް ޚާން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ދާދިފަހުން ޓީޒާ ވެސް ރިލީޒް ކޮށްފައިވާ ފިލްމު "ޑުންކީ" އިންނެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ކުރިޔަށް އޮތް ޑިސެމްބަރ މަހުގެ 23ވަނަ ދުވަހުއެވެ.