ޔަހޫދީ ދައުލަތުގެ ވެރިޔާ ބެންޖަމިން ނަތަންޔާހޫ އަކީ އިސްރާއީލު ސަރުކާރު ހިންގަން އެންމެ ރަނގަޅު ބޭފުޅާ ނޫން ކަމަށް އިސްރާއީލުގެ މީޑިއާއަކުން ހެދި ހިޔާލު ހޯދުމުގެ ސާވޭއަކުން ދައްކައިފިއެވެ.

އިސްރާއީލުގެ މާރްވި ނޫހުން ހެދި މި ސާވޭ ހުކުރު ދުވަހު އާންމުކޮށްފައިވާއިރު، ނަތަންޔާހޫ ސަރުކާރު ހިންގަން ކަމުދާ ކަމަށް ބުނެފައި ވަނީ އެ ގައުމުގެ އެންމެ 27 އިންސައްތަ މީހުންނެވެ. އަދި 48 އިންސައްތަ މީހުން ދެކޭ ގޮތުގައި އިސްރާއީލުގެ ސަރުކާރު ހިންގަން އެންމެ ރަނގަޅީ ނޭޝަނަލް ޔުނިޓީ ޕާޓީގެ ލީޑަރު ބެނީ ގަންޓްޒްއެވެ.

އަޣުލަބިއްޔަތު ހޯދުމަށް ޕާޓީއަކަށް ނުވަތަ ކޯލިޝަނަކަށް 120 ގޮނޑި ހިމެނޭ އިސްރާއީލުގެ ޕާލަމެންޓް ނުވަތަ ކްނެސެޓްގެ 60 އަށް ވުރެ ގިނަ ގޮނޑި އޮންނަން ޖެހެއެވެ. މިއާއިއެކު މިއަދުވެސް އިންތިހާބު ބާއްވައިފިނަމަ އިސްރާއީލުގެ ޕާލަމެންޓް ކަމަށްވާ ކްނެސެޓްގެ 120 ގޮނޑީގެ ތެރެއިން 36 ގޮނޑި ނޭޝަނަލް ޔުނިޓީ ޕާޓީއަށް ލިބޭނީ މިހާރު އޮތް 12 ގޮނޑީގެ ތިންގުނަ ކަމަށް ވެސް ވަނީ ބުނެފައެވެ. މިހާރު ލިކުޑް ޕާޓީއަށް 32 ގޮޑި ލިބިފައި އޮތް ނަމަވެސް އިންތިހާބެއް މިހާރު ބާއްވައިފިނަމަ، ލިކުޑް ޕާޓީއަށް ލިބޭނީ އެންމެ 19 ގޮނޑި ކަމަށް ވެސް އެ ސާވޭއިން ދައްކައެވެ.

މިހާރު 56 ގޮނޑި ލިބިފައިވާ އިދިކޮޅު ޕާޓީތަކަށް 78 ގޮނޑި ލިބޭނެ ކަމަށްވެސް ސާވޭ އިން ދައްކައެވެ.

މި ސާވޭ ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާއެއްގައި އިސްރާއީލުގެ 1،000 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ރަހީނުކުރުމުގެ އިތުރުން ނަތަންޔާހޫގެ ޝަރުއީ ނިޒާމު ބަދަލުކުރުމުގެ ޕްލޭނާ ގުޅިގެން މަސްތަކެއް ވަންދެން މުޒާހަރާތަކެއް ކުރި ފަހުންނެވެ.

ނަތަންޔާހޫއަށް އިސްރާއިލުގައި އޮތް ތާއީދު ކުޑަވެފައިވާއިރު، އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ވަނީ ވަރުގަދަކޮށްފައެވެ. ހަނގުރާމައިގެ ދެވަނަ މަރުހަލާއަކަށް ތައްޔާރުވުމަށްވެސް ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.