18 May 2012, 13:20
ލާމަރުކަޒީ ގާނޫނާއި އެއްގޮތަށް ކައުންސިލްތައް ހިނގަމުން ދާނީ ޕާޓީތަކުގެ އަޑަށް ވުރެ ރައްޔިތުންގެ ސަރުކާރަށް އިއްވިގެން ކަމަށް، ކައުންސިލްތަކުގެ ބެލެނިވެރިޔާ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސް މުހަންމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.
ތަރައްގީ ޕްލޭނާ އަދި ފައިނޭޝަލް ޕްލޭން ތައްޔާރުކުރާނެ ގޮތުގެ ތަމްރީނު ދިނުމަށް އަތޮޅުތަކަށް އަމާޒުކޮށްގެން ކ. ތުލުސްދޫގައި އިއްޔެ ބޭއްވި މަސައްކަތު ބައްދަލުވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ޒާހިދު އިއްޔެ ވިދާޅުވީ ކައުންސިލަރުންވާން ޖެހޭނީ ޕާޓީތަކުގެ ނިންމުންތަކާއި އެއްގޮތަށް އަޑު އުފުލާ ބަޔަކަށް ނޫން ކަމަށާއި ކައުންސިލްތަކަކީ ރައްޔިތުންގެ އަޑު ސަރުކަރަށް އިއްވާ ބަޔެއް ކަމަށެވެ. ޒާހިދު ވިދާޅުވީ ކައުންސިލްތަކުގެ ނިންމުންތައް ވާން ޖެހޭނީ އެ ކައުންސިލެއް ނިސްބަތްވާ ޕާޓީއަކުން ނިންމާ ނިންމުންތަކަކަށް ނޫން ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ނިންމާ ނިންމުންތަކަކަށް ކަމަށެވެ.
"މިހާރު އަޅުގަނޑުމެނަށް މި އަޑު އިވެނީ ޕާޓީން ނިންމާ ގޮތަށޭ ކައުންސިލްތަކުން ގޮތް ނިންމަނީ. ހިނގާށޭ އޭތި ސުވިޗް ބަދަލުކޮށްލަން. ތިޔަ ބޭފުޅުންނޭ މިއަދު ތިޔަ ތިބީ ޑްރައިވިން ޝީޓްގައި،" ޒާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޕާޓީތަކުގެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނަށް ވުރެ ކައުންސިލްތަކުގެ ބާރު ގަދަވާނެ ކަމަށާއި ކައުސިލްތަކުގެ އަޑު ސަރުކާރަށް އިއްވޭނީ ކައުންސިލްތަކުގެ ފުރިހަމަ ބާރާއި އިހްތިޔާރާއި އެކު ކައުންސިލްތަކުގެ ނިންމުންތައް ނިންމައިގެން ކަމަށެވެ.
"ތިޔަ ވިދާޅުވަނީ ނޫންތޯ؟ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވޭނެ ގޮތެއް ހަދަންޖެހޭ. އެގޮތަކީ މިއީ. ތިޔަ ބޭފުޅުން ޑްރައިވިން ޝީޓަށް ވަޑައިގަންވަންވީ،" ޒާހިދު ވިދާޅުވި އެވެ.
ރަށުގެ އާމްދަނީ އިތުރުކުރުމަށް ކައުންސިލްތަކަށް ބައެއް ވަސީލަތްތައް ބޭނުންވާކަން ފާހަގަ ކުރައްވައި ޒާހިދު ވިދާޅުވީ ކުރިއަށް އޮތް ހަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެފަދަ ބައެއް ވަސީލަތްތައް ކައުންސިލްތަކަށް ފޯރުކޮށްދެވޭ ވަރު ވާނޭ ކަމަށެވެ.
"ކައުންސިލްތަކުން ބޭނުންވާ ވަސީލަތައް ހުށަހެޅުމަށް އެދުމުން ހުށަހަޅާފައި ވަނީ މަދު ކައުންސިލަކުން، ވަސީލަތް ލިބިގެންދާނީ ވަސީލަތްތައް ބޭނުންވެގެން ހުށަހަޅާފައިވާ ކައުންސިލްތަކަށް،" ޒާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައުންސިލްތައް ހިންގުމަށް ކަޑައަޅާފައިވާ ބަޖެޓް މިހާރަށް ވުރެ ފަސޭހައިން ކައުންސިލްތަކަށް ހަރަދު ކުރުމުގެ އިހްތިޔާރު ލިބެން ޖެހޭ ކަމަށާއި އެކަމަށް ވަރަށް އަވަހަށް ލުއި ގޮތްތަކެއް ހަމަޖެހިގެން ދާނޭ ކަމަށެވެ.
އަތޮޅުތަކުގެ ކައުސިލަރުނަށް އަމާޒުކޮށްގެން އެލްޖޭ އިން ކުރިއަށް ގެންދިޔަ އެ މަސައްކަތު ބައްދަލުވުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުން ތައްޔާރުކުރަން ޖެހޭ ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭނާއި ފައިނޭސްޝަލް ޕްލޭން ތައްޔާރުކުރާނެ ގޮތުގެ ތަމްރީނު ދިނުމަށް މިމަހުގެ 14 އިން 17 އަށް ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެކެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކުން އަތޮޅު ކައުންސިލަރުންނާއި ދެ ސިވިލްސާވަންޓުން ބައިވެރިވި އެ މަސައްކަތު ބައްދަލުވުމުގެ ބައިވެރިވި ކައުންސިލަރުނަށް އިއްޔެ ވަނީ ހަނދާނީ ލިޔުން ދީފަ އެވެ.
އެ ބައްދަލުވުމަށް ފަހު ބައެއް ކައުންސިލަރުން ވިދާޅުވީ އެލްޖޭއިން ހިންގި މި ޕޮރްގުރާމުން ރަށުގެ ތަރައްގީ ބައްޓަން ކުރުމަށް ތައްގީ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރުކުރާނެ ގޮތުގެ ގިނަ އެއްޗެހިތަކެއް އެނގެންދިޔަ ކަމަށެވެ.