އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި ގޯލްޑަން ސްޓޭޓް ވޮރިއާސް އާއި އޮކްލޮހޯމާ ސިޓީ ތަންޑާ ބައްދަލުކުރި މެޗު ވޮރިއާސް ކާމިޔާބުކޮށްފިއެވެ.

މި މެޗުވީ އެންބީއޭއިން މި ސީޒަންގައި އަލަށް ތައާރަފު ކުރި އިން ސީޒަން ޓޯނަމަންޓްގެ ވެސްޓް ގްރޫޕް ސީގައި ވޮރިއާސް ކާމިޔާބުކުރި ފުރަތަމަ މެޗަށެވެ. އިން ސީޒަން ޓޯނަމަންޓަކީ ރެގިއުލާ ސީޒަންގެ ތެރޭގައި މި ފަހަރު އެންބީއޭއިން އަލަށް ތައާރަފު ކޮށްފައިވާ މުބާރާތެކެވެ. ނަމަވެސް މި މުބާރާތްތަކުގެ މެޗުތައް ރެގިއުލާ ސީޒަންގެ މެޗުތަކުގެ ތެރޭގައިވެސް ގުނޭނެއެވެ.

މި މެޗު ވޮރިއާސް ކާމިޔާބުކުރީ 141 ޕޮއިންޓް 139 ޕޮއިންޓުންނެވެ. މި މެޗުގައި ވޮރިއާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ދިން ސްޓެފަން ކަރީއެވެ. މި މެޗުން ވޮރިއާސް މޮޅުވި ޕޮޓް ކަރީ އަޅާފައިވަނީ މެޗު ނިމެން ދެ ސިކުންތައް ވެފައިވަނިކޮށެވެ.

ތަންޑާއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން ޗެޓް ހޯލްމްގްރެންއެވެ. މީގެ އިތުރުން އިން ސީޒަން ޓޯނަމަންޓް ވެސްޓް ގްރޫޕް ބީގައި ޑެންވާ ނަގެޓްސް އާއި ޑެލަސް މެވްރިކްސް ބައްދަލުކުރި މެޗު 125 ޕޮއިންޓް 114 ޕޮއިންޓުން ކާމިޔާބުކުރީ ނަގެޓްސްއެވެ. މި މެޗުގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗް ވަނީ 33 ޕޮއިންޓް ހޯދައިދީ 14 ރިބައުންޑް ނަގައިދީ ނުވަ އެސިސްޓް ކޮށްފައެވެ. އަދި މެވްރިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 34 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ އަށް އެސިސްޓް ދިން ލޫކާ ޑޮންޗިޗްއެވެ.

މީގެ އިތުރުން ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު އީސްޓް ގްރޫޕް ބީގައި މިލްވައުކީ ބަކްސް އާއި ނިއުޔޯކް ނިކްސް ބައްދަލުކުރި މެޗު 110 ޕޮއިންޓް 105 ޕޮއިންޓުން ބަކްސް ކާމިޔާބުކުރިއިރު އީސްޓް ގްރޫޕް އޭގައި އިންޑިއާނާ ޕޭސާސް އާއި ކްލީވްލަންޑް ކެވެލިއާސް ބައްދަލުކުރިމެޗު 121 ޕޮއިންޓް 116 ޕޮއިންޓުން ކާމިޔާބުކުރީ ޕޭސާސްއެވެ. އީސްޓް ގްރޫޕް ސީގައި ބްރޫކްލިން ނެޓްސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗު 109 ޕޮއިންޓް 107 ޕޮއިންޓުން ނެޓްސް ކާމިޔާބުކުރިއިރު އީސްޓް ގްރޫޕް ބީގައި މައޭމީ ހީޓް އާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރިމެޗު 121 ޕޮއިންޓް 114 ޕޮއިންޓުން ކާމިޔާބުކުރީ ހީޓްއެވެ. އަދި ވެސްޓް ގްރޫޕް އޭގައި ޕޯޓްލަންޑް ޓްރެއިލް ބްލޭޒާސް އާއި މެމްފިސް ގްރިޒްލީސް ބައްލުކުރިމެޗު އޯވާ ޓައިމަށް ގޮސް 115 ޕޮއިންޓް 113 ޕޮއިންޓުން ކާމިޔާބުކުރީ ޓްރެއިލް ބްލޭޒާސްއެވެ.