05 Nov 2023, 12:30
ހަތަރު އަހަރަށްފަހު އެމެރިކާގެ އެލްއޭ ގެލެކްސީއަށް ކުޅުން ހުއްޓާލުމަށް މެކްސިކޯ ފޯވަޑް ހާވިއާ ހެނާންޑޭޒް (ޗިޗާރިޓޯ) ނިންމައިފިއެވެ.
އެލްއޭ ގެލެކްސީން ވަނީ އަންނަ އަހަރުގެ ސީޒަނުގައި އެ ކްލަބުން ޗިޗާރިޓޯ ނުފެންނާނެކަން އިއުލާންކޮށްފައެވެ. އެންމެ ފަހުން ޗިޗާރިޓޯ ގެލެކްސީއަށް މެޗެއް ކުޅެފައިވަނީ މިދިޔަ ޖޫން މަހުގެ ހަތްވަނަ ދުވަހުއެވެ. އެއަށްފަހު އޭނާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ހުރީ ކުޅުމާ ދުރުގައެވެ.
ގެލެކްސީއަށް ކުޅުން ހުއްޓާލާކަން އިއުލާންކުރުމަށް ޗިޗާރިޓޯ ވެސް ވަނީ ސޯޝަލް މީޑިއާގައި އަލްވަދާއު މެސެޖެއް ދީފައެވެ. އަދި އެ ކްލަބުގައި ހޭދަކުރި ހަތަރު އަހަރުގެ ތެރޭގައި އެހީތެރިކަން ފޯރުކޮށްދިން އެންމެންނަށް އޭނާގެ މެސެޖުގައި ވަނީ ޝުކުރު އަދާކޮށްފައެވެ.
އުމުރުން 35 އަހަރުގެ ޗިޗާރިޓޯ ވަނީ ހުރިހާ ލެވެލްއެއްގައި ކުޅެފައެވެ. މެންޗެސްޓާ ޔުނައިޓެޑުގައި ވިދާލުމަށްފަހު އޭނާ ވަނީ ރެއާލް މެޑްރިޑުގައި ވެސް ދުވަސްތަކެއް ހޭދަކޮށްފައެވެ. އޭގެ އިތުރުން މެކްސިކޯ ގައުމީ ޓީމާއެކު ވޯލްޑް ކަޕްގައި ވެސް އޭނާ ކުޅުނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޗިޗާރިޓޯ އެލްއޭ ގެލެކްސީން ވަކިވުމަށްފަހު، ދެން އިތުރު ކްލަބަކުން އޭނާ ނުފެނިދާނެއެވެ. އަނިޔާގެ މައްސަލައާ ގުޅިގެން އޭނާ ރިޓަޔާކުރުމަށް ވިސްނަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.