05 Nov 2023, 10:06
ރެއާލް މެޑްރިޑުން ޗެލްސީގެ އިނގިރޭސި ޑިފެންޑަރު ރީސް ޖޭމްސް ގެންދިއުމަށް ޝައުގުވެރިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސްޕެއިންގެ ރައިޓްބެކް ޑެނިއެލް ކާވޭހަލްގެ މަގާމަށް ކުޅުމަށް ޖޭމްސް ގެންދިއުމަށް ރެއާލުން ވިސްނާތާ ދުވަސްތަކެއް ވެއްޖެއެވެ. އަދި އޭނާ ގެންދިއުމަށް ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީ ވެސް ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗެލްސީގެ އެކަޑަމީން ތަމްރީނުވެގެން އައި ޖޭމްސް، އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ 2028 ވަނަ އަހަރުއެވެ. ޗެލްސީގެ ސަޕޯޓަރުންގެ ވެސް ލޯބި ހޯދާފައިވާ އުމުރުން 23 އަހަރުގެ ޖޭމްސް، އެ ކްލަބު ދޫކޮށްލުމާ މެދުވެސް މިހާތަނަށް ވާހަކަދައްކައިފައެއް ނުވެއެވެ.
ކާވޭހަލްއަކީ ދިހަ އަހަރުގެ މުއްދަތަކަށް ރެއާލަށް މިހާތަނަށް 386 މެޗު ކުޅެފައިވާ ޑިފެންޑަރެކެވެ. އޭނާ ވަނީ ރެއާލަށް ތިން ސްޕެނިޝް ލަލީގާ އާއި ދެ ކޮޕާ ޑެލްރޭ އަދި ފަސް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް އިސް ދައުރެއް އަދާކޮށްފައެވެ.
ޗެލްސީއާއެކު ޖޭމްސް ދެން ނުކުންނަން އޮތް މެޗަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅޭ މެޗަށެވެ. އެ މެޗުގައި ޓޮޓެންހަމްއާ ދެކޮޅަށް ޗެލްސީން ނުކުންނާނީ އަންނަ ހޯމަ ދުވަހުއެވެ.