18 May 2012, 12:47
މާލޭ ސިޓީ ކައުންސިލުން ހެންވޭރު ޕާކު ސަރަހައްދުގެ ފަސްގަނޑު އެއްވަރު ކުރަން އުޅުމުގެ ތެރޭގައި އެ ސަރަހައްދުގައި ހުރި ފުލުހުންގެ ސީސީޓީވީ ކެމެރާތަކެއްގެ ކޭބަލް ބުރިވެ، އެ ކެމެރާތައް މަސައްކަތް ހުއްޓުނު މައްސަލައެއް ފުލުހުން ބަލަންފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ހެންވޭރު ޕާކު ސަރަހައްދު ކޮންނަމުން ދިޔުމުގެ ތެރޭގައި އެ ސަރަހައްދުގައި އަޅާފައި ހުރި ތިން ސީސީޓީވީއެއްގެ ކޭބަލްތައް ބުރިވެ ކެމެރާތައް މަސައްކަތް ކުރުން ހުއްޓީފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިބަލަނީ އެ މީހުންނަ ކޮންނަ އުޅުނުއިރު ކިހިނެތް ވެގެންތޯ ކޭބަލްތަކެއް ބުރިވާންވީ، އެހެންވެ ފުލުހުން އެ މައްސަލަ ތަހުގީގު މިކުރަނީ،" އޮފިޝަލް ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު އަބްދުލް ކަރީމް (ރުކުމާ) މިއަދު ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ މުވައްޒިފުންގެ ފަރާތުން އެފަދައެއްވެސް ކަމެއް ދިމާވެފައި ވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި ސިޓީ ކައުންސިލްގެ މުވައްޒަފުން އެ ސަރަހައްދު ކޮނެ ކޭބަލްތަކަށް ގެއްލުންވާފަދަ މަސައްކަތެއް ނުކުރާ ކަމަށެވެ.
"އެތަނުގައި އަޅުގަނޑުމެން ކުރަމުން މިއަންނަނީ ހަމައެކަނި ޔޫރޯ ފެށެންވާއިރަށް ދަނޑު ތައްޔާރުކުރުމަށް މަށަންދަތި އެޅުން، ކޮނުމުގެ މަސައްކަތެއް ނުކުރަން" ރުކުމާ ވިދާޅުވި އެވެ.
އެ ސަރަހައްދުގެ ފަސްގަނޑު އެއްވަރު ކުރުމުގެ ތެރޭގައި މީގެ ކުރިންވެސް ވަނީ އެ ސަރަހައްދުގައި ހުރި އަޑުގެ ބައެއް ތަކެއްޗަށް ގެއްލުންތަކެއްވި މައްސަލައެއް ފެންމަތިވެފަ އެވެ.