ތިން އަހަރު ދުވަހުގެ މެދު ކެނޑުމަކަށް ފަހު ސިފައިންގެ " ސިފައުފާ" ޝޯވް ވަރަށް ކުލަގަދަ ގޮތަކަށް ބާއްވައިފި އެވެ. މިކަމަށްޓަކައި ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ހާއްސަ ހަފްލާ ޝާރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދެވެ.

ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ޝޯވް މިރެއާއި މާދަމާ ރޭ ވެސް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ރޭގެ ރަސްމިއްޔާތުގައި ސިފައިންގެ ރަސްމީ މަޖައްލާ "އައްޑަނަ"ގެ ރަސްމީ ވެބްސައިޓް ވަނީ އިފްތިތާހުކޮށްފަ އެވެ. އައްޑަނަ ޑޮޓްކޮމް ޑޮޓް އެމްވީ މި ވެބްސައިޓް އިފްތިތާހުކޮށްދެއްވީ މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މުހައްމަދު ނާޒިމެވެ.

މީގެއިތުރުން ރޭގެ ރަސްމިއްޔާތުގައި ސިފައިން ވަނީ ކޮންމެ އަހަރަކު ވެސް ގައުމީ ދުވަހާ ގުޅިގެން ސިފައިން ނެރެމުން އަންނަ "ގައުމީ ލަވަސީޑީ"ވީޑިއޯ އަލްބަމެއް ނެރެދީފަ އެވެ.

ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި “ސިފައުފާ” ޝޯގައި ކޮޕްސް ބޭންޑުގެ މިޔުޒިކާއި، ހެއްވާމަޖާ އައިޓަމްތަކާއި، ޑްރާމާ އާއި ތަމްސީލް އަދި ޑާންސްގެ އައިޓަމްތައް ގެނެސްދީފައިވެ އެވެ. މީގެ އިތުރުން ރޭގެ ޝޯގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން އަލަށް އުފައްދާފައިވާ “އެންތަމް އޮފް ފްލޭމް” ބޭންޑުގެ މިޔުޒިކާއި ލަވަތައް ވަނީ ހުށަހަޅައިދީފަ އެވެ.