04 Nov 2023, 15:56
ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަހައްދުން ފުލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ދާއިމީ ޕްލޭނިން މިނިސްޓްރީން މިއަދު އިޢުލާން ކޮށްފިއެވެ.
ދާއިމީ ލިސްޓް އިއުލާން ކޮށް ހައުސިން މިނިސްޓްރީން ބުނީ ތިން ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ.
އަދި ދެ ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ހަތަރުހާސް ފުލެޓްގެ ތެރެއިން ފުލެޓް ލިބުމަށް ހޮވިފައިވާ މީހުންނަށް، އެ މީހަކަށް ލިބޭނެ ފުލެޓް ކަނޑައަޅުމަށްޓަކައި ގުރުއަތު ލުމަށް ވަނީ ހަމަ ޖެހިފައެވެ. އެގޮތުން ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް ހައުސިން މިނިސްޓްރިން ވަނީ ބުނެފައެވެ.
އަދި 4000 ފުލެޓުގެ ތެރެއިން ފްލެޓު ލިބޭ ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ މީހުންގެ ތެރެއިން ވެސް، ޝަރުތުހަމަވާ ކަމަށް ދާއިމީ ލިސްޓްގައި ކަނޑައަޅާފައިވާ މީހުންނަށް ސަރުކާރުންކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިން މަސްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް އެ މީހުންނަށް ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ދެމަފިރިން ވަކިން ހުށަހަޅައިގެން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންނަށް އެއް ފުލެޓެވެ. ނުވަތަ ފުލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ ފަރާތަކަށް އެއް ފުލެޓެވެ.
"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓެއްގެ މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އާއި އެންބީސީސީ އިންނެވެ. އެ ދެ ކުންފުނިން އަޅާ 32 ހައުސިން ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި، މީހުންނަށް ދިރިއުޅެވެން ފެށޭނީ 2025ގެ ތެރޭގައި ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ވަނީ ބުނެފައެވެ.