04 Nov 2023, 14:27
ޕާކިސްތާނުގައި ކުޑަ ފިރިހެން ކުއްޖަކު، މިނިކާވަގެއް ގެންގުޅޭ ވީޑިއޯއެއް ގިނަ ބައެއްގެ ސަމާލުކަމަށް އަތުވެއްޖެއެވެ.
ޕާކިސްތާނުގައި ޔޫޓިއުބް ވީޑިއޯ އުފައްދާ ފަރާތެއް ކަމަށްވާ ނޫރުމަން ހަސަން އޭނާގެ އިންސްޓަގްރާމްގައި ޙިއްސާކޮށްފައިވާ މި ވީޑިއޯގައި ފެންނަނީ، މިނިކާވަގުގެ ކަރުގަ އައްސާފައިވާ ޗޭނު ގަނޑުގައި ހިފައިގެން ކުޑަ ފިރިހެން ކުއްޖަކު ގެއެއްގެ ތެރޭގައި ހިނގާފައިދާތަނެވެ.
މި ވީޑިއޯއަށް ގިނަ ބަޔަކު ލައިކްކޮށް، ހައިރާންކަން ފާޅުކޮށްފައިވެއެވެ. އަދި ބައެއް މީހުން އެ ކުއްޖާއަށް ތައުރީފުކޮށްފައިވާއިރު ގިނަ ބަޔަކު ވަނީ ކުޑަކުއްޖަކު ލައްވައި އެފަދަ ނުރައްކާތެރި ކަމެއް ކުރުވާފައިވާތީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.
އެ ކުޑަކުއްޖާއާ ބެހޭގޮތުން ނޫރުމަން ހަސަން ވީޑިއޯގައި އެއްޗެއް ބުނެފައިނުވި ނަމަވެސް، ބައެއް ފަރާތްތަކުން ކޮމެންޓް ކޮށްފައިވަނީ އެ ކުއްޖާއަކީ، އޭނާއަށް ބޮޑުބޭބެ ކިޔާ އޭނާގެ އާއިލާގެ ކުއްޖެއް ކަމަށެވެ.
މީގެ ކުރިން ކާރު ޝޯރޫމެއްގެ ތެރޭގައިވެސް އެ ކުއްޖާ މިނިކާވަގަކާއެކި ހިނގާފަދާ ވީޑިއޯއެއް ނޫރުމަން ހަސަން ޙިއްސާކޮށްފައިވެއެވެ.
ނޫރުމަން ހަސަން ގެންގުޅޭ ޖަނަވާރުތަކުގެ އެކި ވީޑިއޯ އޭނާ ސޯޝަލް މީޑިއާގައި ޙިއްސާކުރެއެވެ. އޭގެތެރޭގައި، މިނިކާވަގާއި، ހަރުފަ ފަދަ ޖަނަވާރުތަކުގެ ވީޑިއޯ ހިމެނެއެވެ.
View this post on Instagram