04 Nov 2023, 10:56
އަންނާރު ޖޫސް ތައްޓަކަށް އޯޑަރު ކުރަން އުޅުނު ފަތުރުވެރިޔަކު ބޮމެއްގެ ވާހަކަ ދައްކަނީ ކަމަށް ހީކޮށް ޕޯޗުގަލްއިން ހައްޔަރުކޮށްފިއެވެ.
ޕޯޗުގަލްގެ ލިޒްބަންގައި މި ހާދިސާ ހިނގާފައިވަނީ، އަޒަރުބައިޖާނުގެ ފަތުރުވެރިޔަކު، ރެސްޓޯރެންޓެއްގައި، އަންނާރު ޖޫސްތައްޓަކަށް އޯޑަރުކުރަން އުޅުމުން، އޭނާ ބޮމެއްގެ ވާހަކަ ދައްކަނީކަމަށް ހީކޮށް، ވެއިޓަރު ފުލުހުންނަށް ގުޅުމުންނެވެ.
އަންނާރަށް ޕޯޗުގީޒު ބަހުން ކިޔާ ނަން "ލޭންގުއޭޖް އެޕެއް" މެދުވެރިކޮށް ތަރުޖަމާކޮށްގެން އޯޑަރުކުރަން އުޅުމުގެ ތެރޭގައި ފަތުރުވެރިޔާއަށް ކިޔުނީ ގްރަނޭޑް ކަމަށް ޚަބަރުތައް ބުނެއެވެ.
ފަތުރުވެރިޔާ ގްރަނޭޑޭ ކިޔަން ފެށުމުން ވެއިޓަރު ހީކުރީ، ފަތުރުވެރިޔާ ބޮމެއްގެ ވާހަކަ ދައްކަނީ ކަމަށް ކަމަށާއި، އޭނާ ވަގުތުން ފުލުހުންނަށް ގުޅީ ކަމަށްވެސް ދަ ޓެލެގްރާފްގައި ލިޔެފައިވެއެވެ. އަދި ހަތިޔާރު އަޅައިގެން ތިބި ފުލުހުން އައިސް، އެ ފަތުރުވެރިޔާ ބިންމަތީ ބާއްވައިގެން ހައްޔަރުކުރާ ތަން ފެންނަ ވީޑިއޯއެއްވެސް ވަނީ ޢާއްމުވެފައެވެ.
ފަތުރުވެރިޔާ ހައްޔަރުކޮށްގެން ޕޮލިސް ސްޓޭޝަނަށް ގެންގޮސް އޭނާއަށް ސުވާލުކޮށް ބަލާ ފާސްކުރުމުން އޭނާއަތުގައި ހަތިޔާރު ނެތް ކަމަށާއި، އޭނާ ދެއްކީ އަންނާރު ޖޫހުގެ ވާހަކަކަން ސާފުކޮށްދިނުމުން އެ ފަތުރުވެރިޔާ ވަނީ ދޫކޮށްލާފައެވެ.
އެހެންނަމަވެސް އޭނާ ދޫކޮށްލީ، ލިޒްބަންގައި އޭނާ ހުންނަ ހޮޓަލުގެ ކޮޓަރިވެސް ބަލާ ފާސްކުރުމަށްފަހުއެވެ.