މެކްސިކޯގެ ރިޒޯޓް ރަށެއް ކަމަށްވާ ކަންކޫންގައި މިހާރު ކުރިއަށްދާ އަންހެނުން ޓެނިސް ކުޅުންތެރިންގެ ސީޒަން ނިންމާ މުބާރާތް ކަމަށްވާ ޑަބްލިޔު.ޓީ.އޭ. ފައިނަލްސްގެ ސެމީފައިނަލްގެ ޖާގައެއް ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ އަންހެން ކުޅުންތެރިޔާ ބެލަރޫސް އަރީނާ ސަބަލެންކާ ކަށަވަރު ކޮށްފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ސަބަލެއްކާއަށް ކަށަވަރު ވެގެން މި ދިޔައީ ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި ކަޒަކިސްތާންގެ އެލޭނާ ރީބަކީނާއާ ބައްދަލު ކުރި މެޗް ކާމިޔާބު ކޮށްގެންނެވެ. މި މެޗް ސަބަލެންކާ ކާމިޔާބު ކޮށްފައި ވަނީ ދެ ސެޓް އެއް ސެޓުންނެވެ.

މި މެޗްގެ ފުރަތަމަ ސެޓް ހައެއް ދެއަކުން ކާމިޔާބު ކޮށްފައިވަނީ ސަބަލެއްކާއެވެ. އަދި ދެވަނަ ސެޓް ތިނެއް ފަހަކުން ރީބަކީނާ ކުރީގައި އޮއްވާ މޫސުން ގޯސް ވުމުގެ ސަބަބުން ކުޅުން މެދު ކަނޑާލިއެވެ. އަދި ކުޅުން އަލުން ފެށިތާ މާގިނަ އިރު ތަކެއް ނުވެ ރީބަކީނާ ވަނީ މިސެޓް ތިނެއް ހަޔަކުން ކާމިޔާބު ކޮށްފައެވެ. މި މެޗްގެ ފަހު ސެޓް ސަބަލެންކާ ކާމިޔާބުކޮށްފައިވަނީ ހައެއް ތިނަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސަބަލެންކާ ހާމަކުރިގޮތުގައި މި މެޗާ މެދު އޭނާ މާބޮޑަށް ނުވިސްނާ ކަމަށެވެ. އޭނާ ބެލީ ރަނގަޅަށް ކުޅެވޭތޯ ކަމަށާއި ނަމަވެސް މެޗުން ކޮންމެހެން މޮޅުވުމުގެ ވިސްނުމެއް ނެތް ކަމަށެވެ. މިއީ މޮޅުވިއްޔާ މޮޅުވީ އަދި ބަލިވެއްޖެނަމަ އެކަމާ މާބޮޑަށް އިތުރަށް ވިސްނަން ނުހަދާ ޗުއްޓީއަށްދާން ނިންމާފައިވާ މެޗެއް ކަމަށެވެ.

މި މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިނަމަ މިއަހަރު ނިމޭއިރު ދުނިޔޭގެ އެއްވަނަ ރޭންކިން ސަބަލެންކާ އަތުން ނުގެއްލޭނެކަން ކަށަވަރު ވެގެންދާނެއެވެ. މިއާއެކު ސަބަލެންކާ މިވަނީ އޭނާ ހިމެނު ގްރޫޕްގެ އެއްވަނައަށް ދިޔަ އެމެރިކާގެ ޖެސިކާ ޕެގޫލާ އާއެކު ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ. މި ގްރޫޕުން މުބާރާތަށް އަލްވަދާއު ކިޔައިފާ ވަނީ ގްރީސްގެ މާރިއާ ސަކާރި އާއި ރީބަކީނާއެވެ.

ދެވަނަ ގްރޫޕަށް ބަލާލާއިރު އެ ގްރޫޕްގައި ހިމެނޭ ހަތަރު ކުޅުންތެރިންނަށްވެސް ސެމީފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. މިގްރޫޕްގައި ކުޅޭ އެންމެ ފަހު ދެ މެޗްގައި ބައްދަލުކުރާނީ ޔޫއެސް އޯޕަންގެ ޗެމްޕިއަން ކޯކޯ ގައުފް އާއި ވިމްބަލްޑަން ޗެމްޕިއަން މާކެޓާ ވޮންޑްރޮސޯވާ އަދި ދުނިޔޭގައި ދެވަނައަށް ރޭންކް ކުރެވިފައިވާ އަދި މި އަހަރުގެ ފްރެންޗް އޯޕަން ކާމިޔާބު ކޮށްފައިވާ ޕޯލަންޑްގެ އީގާ ޝްވަޓެކް އާއި ޓިއުނީޝިއާގެ އޯންސް ޖެބުއާއެވެ.